ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ މަގާމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރުކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ހަމަޖައްސަވައިފިއެވެ.
ޖޭޕީގެ ޕީޖީ ލީޑަރާއި ނާއިބް ލީޑަރު ހަމަޖައްސަވާފައިވަނީ މިއަދު ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައެވެ.
ޖުމްލަ 7 މެމްބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގަައި ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ މަގާމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރުކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ހަމަޖައްސަވާފައިވަނީ ޕީޖީ ގުރޫޕުގެ އިއްތިފާގުންނެވެ.
ރޭ ފެށުނު 19ވަނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ 5 މެންބަރުންނެވެ. އެއީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނާއި، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވާ މަޖިލީހަށް ހޮވިވަޑައިގެންނެވި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ 2 މެންބަރަކު އެބަ ތިއްބެވިއެވެ. އެއީ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު މުޙާއްމަދު ޢަބްދުއްލަތީފެވެ.
ރައީސް ސާލިހު ސަރުކާރުގެ އެއް ޕާޓްނަރުކަމަށްވާ ޖުމްހޫރީ ޕާޓީން ވަނީ މަޖިލީސްތެރެއިން ސަރުކާރަށް ފުރިހަމަ އެއްބާރުލުންދޭނެކަން ހާމަކޮށްފައެވެ. އަދި މެންބަރުން މަދުނަމަވެސް ޖުމްހޫރީ ޕާޓީ ފެނިގެންދާނީ މަޖިލީހުގައި ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ޖޭޕީގެ ޕީޖީ ލީޑަރުކަމަށް ގާސިމް، ޑެޕިއުޓީއަކަށް ކާނަލް ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ