މުއިއްޒުގެ ރައްދު ނަޝީދަށް: ފްލެޓްތަކަށް ފައިސާ ދެއްކުމަށް ރައީސް ޔާމީން ހަމަޖެއްސެވި ގޮތް ދެކޮޅު ޖެހޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރި "ހިޔާ މަޝްރޫއު" ގެ ފްލެޓުތަކަށް ފައިސާ ދައްކާ ގޮތަށް ހަމަޖައްސާފައި ވަނީ ދެކޮޅު ޖެހޭ ގޮތަށް ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ޔާމީންގެ ސަރުކާރުން އެ ފްލެޓްތައް އަޅާފައިވަނީ ކުދި ކޮތަރު ކޮށިތަކެއްހެން ދެކޮޅު ނުޖެހޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާއި ގުޅިގެން އަގު ހަދާފައިވާ ގޮތުގެ ތަފްސީލު ހިއްސާކޮށް މީގެ ކުރިންކޮށްފައިވާ ޓްވީޓެއް ރީޓްވީޓު ކުރައްވަމުން މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ ކޮންސްޓްރަކްޝަން ހަރަދާއި ހުރިހާ ފިނިޝިން ކޯސްޓެއް އަދި ފައިނޭންސިން ކޯސްޓް ވެސް ހިމަނައިގެން ޖެހޭ ވަރުގެ މައްޗަށް ފައިދާ ވެސް ހިމަނައިގެން މަހަކު 5600 ރުފިޔާ، 20 އަހަރަށް ބަހާލައިގެން ފްލެޓް ލިބޭ ފަރާތްތައް ދެއްކުމުން ވެސް ދެކޮޅު ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން އެގޮތަށް ނިންމެވީ ވެސް އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.
Hiyaa flat thakuge construction cost aa hurihaa finishing cost akaa ekkoh adhi financing cost ves himanaigen jehey varuge mahchah faidhaa himanaafa ves mahaku Rf5600, 20 aharah bahaalaigen flat libey faraathun dhekkumun dhekolhujeheythee egothah RY nimmevee. https://t.co/nn4lGfqm77— Dr Mohamed Muizzu (@MMuizzu) June 7, 2020
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ފްލެޓްތައް އަޅާފައިވަނީ 500 އަކަ ފޫޓުގެ ކުދި ކޮތަރު ކޮށިތަކެއް ގޮތަށް ކަމަށާއި އޭގެއިން ތަނެއް ހަދަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަ ފޫޓަކަށް 1900 ރުފިޔާ ކަމަށެވެ.
"މިހެންކަމުން ކުލީގެ ގޮތުގައި 11،000 ރުފިޔާ ޖެހޭ. ދެން މި ކިހިނެތް ދެކޮޅު ޖައްސާނީ. މިއީ އެ ދަރަނީގެ ދަންތުރައިގެ ފޮޓޯ" ނަޝީދު ވިދާޅުވިއެވެ.
މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހިޔާ މަޝްރޫޢުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ