ޝާމުކަރަ ފަތަޙަ ކުރެއްވުން
އެދުވަސްވަރު ޝާމުކަރައިގެ ބޮޑުބައި އޮތީ ރޯމަން އެންޕަޔަރުގެ ބާރުގެ ދަށުގައެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި، ޢަރަބިކަރައިގައި އިސްލާމްދީން ފެތުރުއްވަން ޚާއްޞަ އިސްކަމެއް ދެއްވި ފަދައިން، ޝާމުކަރައަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެކަލޭގެފާނު ރޫމުކަރައިގެ ރަސްގެފާނު ޙިރަޤުލަށް އިސްލާމްދީނުގެ މެސެޖް ދެއްވުމަށްޓަކައި ސިޓީފުޅެއް ލިޔުއްވިއެވެ.
ހަމައެފަދައިން، ޝާމުކަރައިގެ، ބަލްޤާގެ ރަސްގެފާނު الحارث بن أبي شمر الغساني އަށްވެސް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ސިޓީފުޅެއް ފޮނުއްވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި، ޝާމުކަރައިގެ މީހުންނާ ދެކޮޅަށް މުޢުތާ ހަނގުރާމައާއި ތަބޫކު ހަނގުރާމަ ކުރެވުނެވެ.
أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަށް، ޚަލީފާކަށް ލިބިވަޑައިގެންނެވުމުން، އެކަލޭގެފާނު ޝާމަކުރައިގެ ފުތޫޙާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ޝާމަކަރަ ފަތަޙަ ކުރެއްވުމަށްޓަކައި، އެކަލޭގެފާނު ހަތަރު ލަޝްކަރެއް ދިދަ ދެއްވައިފައި ފޮނުއްވިއެވެ. އެގޮތުން ދިމިޝްޤަށް يزيد بن أبي سفيان رضى اللّـه عنه ގެ ލަޝްކަރު، އުރުދުނަށް شُرَحبيل بن حسَنة رضى اللّـه عنه ގެ ލަޝްކަރު ޙިމްސަށް أبو عبيدة عامر بن عبدالله بن الجراح رضى اللّـه عنه ގެ ލަޝްކަރު އަދި ފަލަސްތީނަށް عمرو بن العاص رضى اللّـه عنه ގެ ލަޝްކަރެވެ.
އިސްލާމީ ޚިލާފަތުގެ ފަރާތުން ޝާމުކަރައަށް މި ފޮނުވުނު ހަތަރު ލަޝްކަރަށް އެބޭކަލުންނަށް ޙަވާލު ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެނީ އެބޭކަލުންނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ ބޮޑު އެމްޕަރަރެއްގެ ލަޝްކަރަކާއެވެ. މީސްގިނަ، ބާރުގަދަ ކަމަށް މަޝްހޫރު ބަޔަކާއެވެ. ޝާމުކަރައިގައި ރޯމަނުންތިބީ އަތުވެދާނެ ހަނގުރާމަވެރި ލަޝްކަރަކަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ގިނަ މީހުން އުޅެމުން ގެންދިޔައީ، ބޮޑެތި ބޮޑެތި އުސް ކިއްލާތަކާއި ބުރުޒުތައް ހަދައިގެން އެތަނުގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެންނެވެ.
އެހެންކަމުން އެ ހަތަރު ލީޑަރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ވަކިވަކިން ހަތަރު ލީޑަރުނާއި އެބޭކަލުންގެ ލަޝްކަރުވަޑައިގެން ޝާމުކަރައިގެ ސަރަހައްދުތައް ފަތަޙަ ކުރުމުގެ ބަދަލުގައި، ހުރިހާ ބޭކަލުން އެއްވެ، އެކަތިގަނޑަކަށްވެގެން ރޫމީންނާ ޙަމަލާ ދެއްވުމަށެވެ. މިއީ ޙިރަޤުލު ވިސްނައިގެން ހުރި ގޮތާ މުޅިން އިދިކޮޅު ގޮތެކެވެ. އޭނާ ވިސްނައިގެން ހުރީ ވަކިވަކީން މުސްލިމުންގެ ހަތަރު ލަޝްކަރާ ހަނގުރާމަކޮށް މުސްލިމުން ބަލިކުރުމަށެވެ. މި މަޤްޞަދުގައި މުސްލިމު ހަތަރު ލަޝްކަރު ޖަމާވާން ނިންމެވީ ޔަރުމޫކުއޭ ކިޔުނު މައިދާނެއްގައެވެ.
ޝާމުކަރައިގައި ހަރަކާތްތެރިވުމަށް ފޮނުއްވި ހަތަރު ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރަކަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އެންމެ ފުރަތަމަ ލެއްވީ أبو عبيدة بن الجراح رضى اللّـه عنه އެވެ. ނަމަވެސް ފަހުން أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އެންމެ އިސްކޮމާންޑަރަކަށް ލެއްވީ خالد بن الوليد رضى اللّـه عنــه އެވެ. އެކަލޭގެފާނު ކޮމާންޑަރަކަށް ވެވަޑައިގެންނެވުމަށް އަންގަވައި އެކަލޭގެފާނު ޔަރުމޫކަށް ވަޑައިގެންނެވުމަށް އެންގެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ޢިރާޤުގައެވެ. އަދި އިސްލާމީ ލަޝްކަރުގެ އިސްކޮމާންޑަރުގެ މަޤާމުން أبو عبيدة رضى اللّـه عنه ޢަޒުލުކުރެއްވި ވާހަކަ ބަޔާން ކުރައްވައި އެކަލޭގެފާނަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ސިޓީފުޅެއްވެސް ފޮނުއްވިއެވެ. އެސިޓީފުގައި ވިދާޅުވެފައިވެއެވެ. ”އަޅުގަނޑު ޝާމުކަރައިގެ އިސްލާމީ ލަޝްކަރުގެ އިސް ވެރިއެއްގެ ގޮތުގައި ޚާލިދު އައްޔަންކުރީ، ކަލޭގެފާނު އެކަލޭގެފާނަށްވުރެ މާތްކަން އެނގިވަޑައިގެން ހުންނަވައެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ޚާލިދުގެ ކުޅަދާނަފުޅުކަން ކަލޭގެފާނަށްވުރެ ވަރުގަދަ ކަމަށް ފެންނާތީއެވެ.] {ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 664-618}
އަޖުނާދައިންގެ ހަނގުރާމަ
خالد بن الوليد رضى اللّـه عنــه ޔަރުމޫކަށް ވަޑައިގެން އެތަނުގައި ތިއްބެވި އިސްލާމީ ލަޝްކަރުގެ ހަތަރު ކޮމާންޑަރުންގެ ތެރެއިން ތިން ކޮމާންޑަރުންނާ ބައްދަލު ކުރެއްވިއެވެ. ދުޝްމިނުންގެ ކެހިވެރިކަމުގެ ސަބަބުން عمرو بن العاص رضى اللّـه عنه ގެ ލަޝްކަރަށް އޭރު އުޅުއްވަނީ ޔަރުމޫކަށް ވަޑައިނުގެންނެވިގެނެވެ. އޭރު އެކަލޭގެފާނު ހުންނެވީ އުރުދުންގެ ކޯރުގެ އައްސޭރި ފަށުގައެވެ. ދެން، خالد بن الوليد رضى اللّـه عنــه ނިންމެވީ عمرو بن العاص رضى اللّـه عنه އަށް އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުން އެކަލޭގެފާނު ހުންނެވި ތަނަށް ވަޑައިގެންނެވުމަށެވެ.
خالد بن الوليد رضى اللّـه عنــه ، عمرو بن العاص رضى اللّـه عنه ގެ އަރިހަށްވަޑައިގެން އެކަލޭގެފާނުގެ ލަޝްކަރާ ގުޅިވަޑައިގެންފިއެވެ. އޭރު މުސްލިމުންގެ ލަޝްކަރުގެ ޖުމުލަ އަދަދަކީ، ތިރީސް ހާހެވެ. ދެ ލަޝްކަރު ބައްދަލުވެ، ވަރަށް ވަރުގަދަ އަށް ހަނގުރާމަކޮށް ދުޝްމިނުންގެ އެތައް ބަޔަކު ޤަތުލުވެގެން ހިނގައްޖެއެވެ. އޭގެ ތެރޭގައި، އެބައިމީހުންގެ ލީޑަރު ވެސް ހިމެނުނެވެ. މިތަން ދެކެފައި، ރޫމީ ލަޝްކަރުގެ މީހުން ހިތްވަރު އެލިއްޖެއެވެ. ވަރަށް ފުރިހަމަ ކާމިޔާބީއެއް އިސްލާމީ ލަޝްކަރަށް މިންވަރު ކުރައްވައިފިއެވެ.
މިދެންނެވުނު އަޖުނާދައިންގެ ހަނގުރާމައަކީ، أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ގެ ޚިލާފަތުގައި، މުސްލިމުންނާއި، ރޫމީންނާ ދެމެދުގައި ޝާމުކަރައިގައި ކުރެވުނު ފުރަތަމަ ހަނގުރާމައެވެ.{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 667-664}
ޔަރުމޫކު ހަނގުރާމަ
ވަރަށް ފުރިހަމަ ޞަރީޙަ ކާމިޔާބީއެއް ލިބިވަޑައިގެންނެވުމާއެކު خالد بن الوليد رضى اللّـه عنــه ، عمرو بن العاص رضى اللّـه عنه އާ އެކު އަލުން ވަޑައިގެންނެވީ ޔަރުމޫކަށެވެ. އޭރު ރޫމީންގެ ބޮޑު ލަޝްކަރެއްވަނީ ޔަރުމޫކާއި ނުހަނު ކައިރީގައިވާ ވާޤިސާއޭ ކިޔުނުތަކަށް ފައިބައިފައެވެ. ޔަރުމޫކުގެ މައިދާނަށް ޖަމާވެފައިވާ މުސްލިމު ސިފައިންގެ އަދަދަކީ، ސާޅީސް ހާހާއި، ސާޅީސް ފަސް ހާހާއި، ދެމެދުގެ އަދަދެކެވެ. ރޫމީ ލަޝްކަރުގެ ސިފައިންގެ އަދަދަކީ ދެލައްކަ ސާޅީސް ހާހެވެ. އެގޮތުން ރޫމީލަޝްކަރާއި، އިސްލާމީ ލަޝްކަރުގެ ތަފާތު ހުރީ އެކަކާއި ހަޔަކާއި ދެމެދުގައެވެ. ކޮންމެ މުސްލިމު މުޖާހިދަކަށް ރޫމީންގެ ހަމީހުންނެވެ.{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 667}
ދެން ދެލަޝްކަރު ބައްދަލުވެ ހަނގުރާމަ ފެށިއްޖެއެވެ. ހަނގުރާމަ ފެށުމާއެކު ރޫމީ ލަޝްކަރުގެ ވާތު ފިޔައިގެ ފަހުލަވާނުން އިސްލާމީ ލަޝްކަރުގެ ކާނާއަތުފިޔައިގެ ފަހުލަވާނުންނަށް ވަރަށް ވަރުގަދަ ހަމަލައެއްދީފިއެވެ. އެކަމުގެ ސަބަބުން މުސްލިމުންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. މުސްލިމުންގެ ލަޝްކަރު ފޫއަޅުވައިލައި، ރޫމީން ގޮސް އެންމެ ފަހަތު ސަފުގައި ތިބި މުސްލިމުންނާ ހަމައަށް ދިޔައެވެ.
މި ބިރުވެރި ވަގުތުގައި معاذ بن جبل رضى اللّـه عنــه ، ހަރު އަޑުފުޅުން މުސްލިމު މުޖާހިދުންނާ ދިމާއަށް ގޮވައިލެއްވިއެވެ. ”އޭ މުސްލިމު އަޅުތަކުންނޭވެ. ތިޔަބައިމީހުން ކެތްތެރިކަމާއި ތެދުވެރިކަމާއި ހަރުދަނާކަމާއެކު އެބައިމީހުންނާ ކުރިމަތިލައިގެން މެނުވީ އެބައިމީހުން ފަހަތަށް ޖައްސައެއް ނުލެވޭނެއެވެ.“ އެއަށްފަހު އެކަލޭގެފާނު ސަވާރުވެވަޑައިގެން އިންނެވި އަސްކޮޅުން ފައިބައިވަޑައިގެން ވިދާޅުވިއެވެ. ”އަހަރެންގެ މި އަހަށް ސަވާރުވެގެން ހަނގުރާމަ ކުރަން ބޭނުން މީހަކު އެއަށް ސަވާރުވެގެން ހަނގުރާމަ ކުރާށެވެ.“ އެއަށްފަހު އެކަލޭގެފާނު ފައިމަގުގައި ދުޝްމިނުންނާ ހަނގުރާމަ ކުރެއްވިއެވެ.
ކުރިންވެސް ދެންނެވިފަދައިން، ދުޝްމަނުން، މުސްލިމު ލަޝްކަރުގެ ކަނާއަތު ފިޔައަށް ދިން ހަމަލާގެ ވަރުގަދަކަމުން ބައެއް މުސްލިމުން ފިލާންވެސް ދުވުނެވެ. ނަމަވެސް އިސްލާމީ ލަޝްކަރާއެކު އައިސްތިބި ކަނބަލުން، ފިލަން ދުވާ މުސްލިމުންނާ ދިމާއަށް ހިލަކޮޅުކޮޅާއި، ގާކޮޅުކޮޅު އުކާން ފެށިއެވެ. އެހެންކަމުން ހަނގުރާމައިގެ މައިދާނުން ފިލާންދިޔަ ފިނޑިއެއްގެ ގޮތުގައި މަރުވުމަށްވުރެ ހަނގުރާމަކޮށް ޝަހީދުވުން ރަނގަޅުކަމުގައި ވިސްނިގެން އަލުން އެބައިމީހުން ގޮސް ލަޝްކަރާ ގުޅި ހަނގުރާމަ ކުރަން ފަށައިފިއެވެ.
އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނެތި އިސްލާމީ ލަޝްކަރުގައި ހަނގުރާމަ ކުރެއްވި އެއް ޞަޙާބީ އަކީ عكرمة بن ابي جهل رضى اللّـه عنــه އެވެ. މުސްލިމު ލަޝްކަރުގެ މުޖާހިދުން ފިލަން ދުވަން ފެށުމުން އެކަލޭގެފާނު ހަރު އަޑުފުޅުން ގޮވައިލެއްވިއެވެ. ”އަހަރެން މީގެ ކުރިންވަނީ އެތައް ހަނގުރާމައެއްގައި ނަބިއްޔާއާ ދެކޮޅަށް ފައިތިލަ ސާބިތުކޮށް ހަނގުރާމަކޮށްފައެވެ. މިހާރު އަހަރެން ޙައްޤުގޮތުގައި އެކަލޭގެފާނަށް ތަބާވެގެން ހުރެ ދުޝްމަނުންނާ ދެކޮޅަށް ފިލަންދާނެ ހެއްޔެވެ؟“ މިހެން ވިދާޅުވެ ގޮވައިލެއްވިއެވެ. ”އަހަރެންނާއެކު ހަނގުރާމަކޮށް ޝަހީދުވާން އަހުދުވާނީ ކޮން ބައެއް ހެއްޔެވެ؟“
މިއަޑު އައްސަވައި عكرمة بن ابي جهل رضى اللّـه عنــه ، ގެ ބޮޑުބޭބޭފުޅު الحارث بن هشام رضى اللّـه عنــه ، އާއި، ضرار بن الأزور رضى اللّـه عنــه ، އާއެކު ހިތްވަރުގަދަ ހަތަރު ސަތޭކަ ބޭކަލުން ޝަހީދުވަންދެން ހަނގުރާމަ ކުރެއްވުމަށް ވަޑައިގެން އެކަލޭގެފާނަށް ބައިއަތު ހިފައިފިއެވެ. ދެން އެބޭކަލުން خالد بن الوليد رضى اللّـه عنــه ، ގެ ފޭލިގެކޮޅުގެ ކުރިމަތީގައި ދުޝްމިނުންނާ ނުހަނު ފިރިހެންވަންތަ ކަމާއެކު ހަނގުރާމަ ކުރައްވަން ފައްޓަވައިފިއެވެ. އޭގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބޭކަލުން ޝަހީދުވިއެވެ.{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 678-677}
ދުޝްމިނުންގެ ލަޝްކަރުގެ ކަނާތު ފިޔައިގެ ވެރިއަކަށް ހުރީ قناطير އޭ ކިޔުނު މީހެކެވެ. އޭނާ ވަރަށް ވަރުގަދަ ހަމަލައެއް މުސްލިމު ލަޝްކަރުގެ ވާއަތު ފިޔައިގެ ހަނގުރާމަ ވެރިންނަށް ދީފިއެވެ. މުސްލިމުންގެ ވާއަތުފިޔައިގައި ތިބީ ކިނާނަތު، ޤައިސް، ޣައްސާން އަދި މިނޫވެސް ޤަބީލާތަކުގެ މީހުންނެވެ. ދުޝްމިނުން ދިން ވަރުގަދަ ޙަމަލާއެގެ ސަބަބުން މުސްލިމުންގެ ލަޝްކަރުގެ ވާއަތުފިތައިގެ މީހުން އެބައިމީހުން ތިބި މަޤާމު ދޫކޮށް ފަހަށް ޖެހި ފިލަން ދުވަން ފަށައިފިއެވެ.
މި ފަހަރުވެސް ހިތްވަރުގަދަ މުސްލިމުން އަންހެންވެރީންގެ ޖަމާއަތުން ފިލާންދުވި މީހުންނަށް މަލާމާތުގެ ގޮތުގައި އެއްޗެތި ކިޔައި އެބައިމީހުންގެ ގައިގައި އޮއްގަލުންނާއި، ފޭލިގޭގެ މުޑިތަކުން ތަޅަންފެށުމުން ގަތްލަދުން އަލުން ގޮސް ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކުރަން ފަށައިފިއެވެ.
މުސްލިމު ލަޝްކަރަށް ކުރިމަތިވެފައިވާ މި ބިރުވެރި ދަނޑިވަޅުގައި خالد بن الوليد رضى اللّـه عنــه ، އަސްވާރުންގެ ޖަމާއަތަކާއެކު ވަޑައިގެން ވަރަށް ވަރުގަދަ ޙަމަލާއެއް ރޫމީ ލަޝްކަރުގެ ވާއަތު ފިޔައިގެ ހަނގުރާމަވެރިންނަށް ދެއްވިއެވެ. މި ޙަމަލާގެ ސަބަބުން ރޫމީ ލަޝްކަރުގެ ހަ ހާސް މީހުން ޤަތުލުވެ ހިނގައްޖެއެވެ. ރޫމީ ލަޝްކަރުގެ ކޮޅަށް ބަރުވެފައިވާ ހަނގުރާމައިގެ ތިލަފަތް އިސްލާމީ ލަޝްކަރާ ދިމާއަށް އެނބުރިއްޖެއެވެ.
މި ޙަމަލާއަށްފަހު خالد بن الوليد رضى اللّـه عنــه ، އަސްވާރުންގެ ޖަމާއަތަކާއެކު ދުޝްމިނުންގެ ލަޝްކަރުގެ އެންމެ ވަރުގަދަ ބަޔަށް ޙަމަލާ ދެއްވަން ވަޑައިގެންނެވިއެވެ. އެތަން ފެނުމުން ދުޝްމިނުންގެ ލަޝްކަރުގެ މީހުން އެކިދިމަދިމާއަށް ގޮސް ވިއްސިވިހާލި ވެއްޖެއެވެ. މުސްލިމު މުޖާހިދުން ގެންދިޔައީ، އެބައިމީހުންގެ އަތުގައި ޖެހޭ ކޮންމެ ދުޝްމިނެއްގެ ހަށިގަނޑާ ކަނދުރާ ވަކި ކުރަމުންނެވެ. ފިލަން ދުވި ދުޝްމަނުންނަށް ރައްކާވެގެން ނުދެވޭނެހެން މުސްލިމުންވަނީ، ސަފުސަފަށް އެތުރިފައެވެ.
މިދެންނެވި ގޮތަށް ކަންތައް ކުރުމުން ފައިމަގުގައި ހަނގުރާމަ ކުރާ މީހުންނާއި، ސަވާރީގައި ހަނގުރާމަ ކުރާމީހުން ދުޝްމިނުންގެ ލަޝްކަރުން ދެބަޔަކަށް ބެހިއްޖެއެވެ. ދުޝްމިނުންގެ ލަޝްކަރުގެ އަސްވާރުން ގެންދިޔައީ ހަނގުރާމައިގެ މައިދާނުން ފިލައިގެންދާނެ މަގެއް ހޯދުމަށް ބަލަމުންނެވެ. خالد بن الوليد رضى اللّـه عنــه ، ގެ އަމުރުފުޅަށް عمرو بن العاص رضى اللّـه عنه އެބައިމީހުން ފިލައިގެންދާނެ ބާގަނޑެއް މުސްލިމު ލަޝްކަރުގެ ތެރެއިން ހައްދަވައި ދެއްވިއެވެ. ދެން ފައިމަގުގައި ހަނގުރާމަ ކުރާ މީހުން މައިދާނަށް ދޫކޮށްފައި އެބައިމީހުން ހިނގައްޖެއެވެ.
ފައިމަގުގައި ހަނގުރާމަ ކުރާމީހު ތިބީ އެއްބަޔަކު އަނެއް ބަޔަކާ ޗޭނުގަނޑަކުން ބަނދެވިގެންނެވެ. އެއީ ހަނގުރާމައިގެ މައިދާނުން ފިލައިގެން ދިޔުމަށް އުނދަގޫވާނެތީއެވެ. މި ދަނޑުވަޅުގައި މުސްލިމުން ދުޝްމަނުންގެ އެތައް ހާސްބަޔަކު ޤަތުލު ކުރިއެވެ. އެގޮތުން ދިހަ ހާސް ރޫމީ ސިފައިން ޤަތުލުކުރިކަމަށް ރިވާވެގެން އައިސްފައިވެއެވެ.
ޔަރުމޫކު ހަނގުރާމައިގައި މުސްލިމުންގެ ތެރެއިން ތިން ހާސް ބޭކަލުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިސް ޞަޙާބީ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި، عكرمة بن ابي جهل رضى اللّـه عنــه އާއި، سلمة بن هشام رضى اللّـه عنــه އާއި، أبان بن سعيد رضى اللّـه عنــه ހިމެނިވަޑައިގަންނަވައެވެ. ދުޝްމިނުންގެ ހަނގުރާމަވެރީންގެ ތެރެއިން އެއްލައްކަ ވިހިހާސް މީހުން ޤަތުލުވެގެން ދިޔައެވެ.
ޔަރުމޫކު ހަނގުރާމައިގައި ލިބުނު ފޮނި ކާމިޔާބީގެ އުފާފާޅުކުރަނިކޮށް خالد بن الوليد رضى اللّـه عنــه، މުސްލިމުންނަށް އެބައިމީހުންގެ ލޮބުވެތި ޚަލީފާ أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަވަހާރަވިކަމުގެ ޚަބަރު ދެއްވިއެވެ. މި ޚަބަރާއެކު މުސްލިމުނަށް ވަރަށް ފުން ހިތާމައެއް ލިބިގެންދިޔައެވެ. ޔަރުމޫކު ހަނގުރާމަ ފެށުމުގެ ކުރީން خالد بن الوليد رضى اللّـه عنــه، އަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަވަހާރަވިކަމުގެ ޚަބަރުވަނީ ލިބިވަޑައިގެންފައެވެ. ނަމަވެސް މުސްލިމުންނަށް އެ ޚަބަރު ދެއްވައިފިނަމަ، އެބައިމީހުންގެ ބުންވަރު އެލިދާނެތީ އިހަށް މަޑުކޮށްލެއްވީއެވެ.{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 678-685}…ނުނިމޭ…..
ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހު: އިސްލާމްދީނުގެ މަތިވެރި ކޮމާންޑަރު 08
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ