ޑރ. ދީދީއާއި ސުޕްރީމް ކޯޓަށް އައްޔަންކުރާ ދެ ފަނޑިޔާރުންނަށް ކޮމިޓީން ރުހުން ދީފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރުމަށާއި ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިމައްސަލަ ދިރާސާކުރަން ފޮނުވީ މިއަދު މެންދުރުފަހު 1:00 ޖެހިއިރު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. ދީދީ އައްޔަންކުރުމަށާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީގެ މިބައްދަލުވުމުގައި އިދިކޮޅު ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި ނަމަވެސް މި ބޭފުޅުން މަގާމުތަކަށް އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވާފައެއް ނުވެ އެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި އިންނަވާ އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ފަނޑިޔާރުންގެ ނަންތައް ކޮމިޓީއަށް ފޮނުވާ، ވޯޓަށް އަހާ ނިންމާލީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަމަށެވެ. މިމައްސަލަ ކޮމިޓީގައި ދިރާސާކުރިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންގެ ތައުލީމީ ފެންވަރު އެނގޭނެ ލިޔުމެއްވެސް ކޮމިޓީގައި ނެތް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.
"މިއަހަރު ތެރޭ އެންމެ ދަށު ކޯޓުން އެންމެ މައްޗަށް ދަމާ ނަގާ މީހާގެ ވެސް ފެންވަރެއް ނޭނގޭ،" ސުޕްރީމް ކޯޓަށް އައްޔަންކުރަން ނިންމާފައިވާ ފަނޑިޔާރެއްގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދަވަމުން ރޮޒައިނާ ވިދާޅުވެފައިވެ އެވެ.
ގާނޫނުއަސާސީގައި ބުނެފައިވަނީ އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރާ ބޭފުޅުން ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެބޭފުޅުންގެ ނަންތައް ފާސްވުމުންނެެވެ. އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން ހަތް ދުވަހުގެ ތެރޭގައި އެބޭފުޅުން މަގާމަސް އައްޔަންކުރަން ޖެހެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރުމަށާއި ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރަން ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ