ކަލައިދޫގައި ކަރަންޓު ކެނޑުން އާންމުކަމަކަށް، ރައްޔިތުންގެ މުދަލަށް އެތައް ގެއްލުމެއް

ލ. ކަލައިދޫގައި އިއްޔެ ރެއިން ފެށިގެން ކަރަންޓު ކެނޑުން އާންމުކަމަކަށްވެ، ގިނަ ރައްޔިތުންގެ މުދަލަށް ގެއްލުންވާން ފަށައިފިއެވެ.
ކަލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް "ވަގުތަށް" ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާ ކަމަށެވެ. އަދި އެ މައްސަލަ އިއްޔެ ރޭ އިތުރަށް ގޯސްވެ، ކޮންމެ 15 މިނެޓަރަކުން ކަރަންޓް ކެނޑޭ ހިސާބަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އައިއިރު، އެކަން ހައްލު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަތަރު އިންޖީނެއް ބޭނުންކޮށްގެން ކުރިން ކަރަންޓު ދެމުން އައި ކަލައިދޫގައި ބޭނުންކުރި ބޮޑު އިންޖީނު ހަލާކުވުމާ ގުޅިގެން ކަރަންޓް ލޯޑު ބޮޑުވެފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"380 ގެ އިންޖީން އޯވަ ހޯލް ކުރަން ނެރެފައި ހުރީ. ދެން ހުރީ 260 އާއި 280 އަދި 160 ގެ އިންޖީން. އެ އެއްޗެހި ކުދި ކަމުން ލޯޑު ނުހިފަހައްޓާ. އިއްޔެ ވެސް އިރު އެރި ފަހުން ތިން ފަހަރު ކަރަންޓް ހިނގައްޖެ. އިއްޔެ ރޭ ވަރަށް ގިނައިން ދިޔަ ކަރަންޓް. މީހުންގެ އެތައް މުދަލަކަށް ގެއްލުން ލިބޭނެ އެހެންވީމަ. އަދި ވެސް އެއްކޮށް ހައްލެއް ނުވޭ މައްސަލަ. މި ރޯދަ މަހު ހަމަ ކަރަންޓްގެ މައްސަލަ ދިމާއެބަވޭ." ހަލީލް ވިދާޅުވިއެވެ.
ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ނުލިބުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ ސީރިއަސް މައްސަލައެކެވެ.
މި ރަމަޟާން މަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކަރަންޓްގެ މައްސަލަ ދިމާވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ