ޒައިދުލް އަމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅުމެއް ނެތް މައްސަލައަކާ ބެހޭ ގޮތުން ސުވާލުކޮށް، ދޮގު ބަޔާނެއް ހޯދުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއްކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ މިރޭ މައުމޫންގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ، ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލަރު ޒައިދުލް އަމީން 22 ފެބްރުއަރީ 2017 ވަނަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ތުހުމަތުކުރައްވާފައިވާ ކަންތައްތަކާއި މެދު ޕީ.ޕީ.އެމް ގެ އާންމު މެންބަރުން އިންތިހާއަށް ކަންބޮޑުވާކަމަށެވެ.
އެ ބަޔާނުގައި ޒައިދުލް އަމީން ވިދާޅުވެފައިވާ ގޮތުގައި ޕީ.ޕީ.އެމް ގެ ރައީސް ގެ އިސްތަށިފުޅުގައި ހަޤީޤަތާއި ޚިލާފު ބޮޑެތި ތުހުމަތުތަކެއް އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުންކަމަށާ މި ގޮތަށް ބަޔަކު މަސައްކަތްކުރަމުން ދާނަމަ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް މައުމޫން ވިދާޅުވިއެވެ. އަދި މިކަން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލާކަމަށް ވިދާޅުވެފައިވެއެވެ.
ޒައިދުލް އަމީން ހައްޔަރުގައި ބަހައްޓައިގެން، ސިޔާސީ ބޭނުމަކަށް، އޭނާގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ނިގުޅައިގެންފައި ވާތީ އެކަން ކުށްވެރިކުރާކަމަށާ މި ގޮތަށް އޭނާއަށް ނުހައްޤުން އަނިޔާތަކެއް ލިބެމުން ދާތީ ޕާޓީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާކަމަށްވެސް ބަޔާނުގައިވެއެވެ.
އަދި ބަޔާނުގައި ވާ ގޮތަށް ޒައިދުލް އަމީން ގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއި ގުޅޭ ބަޔާން ނަގައި ނިމިފައިވާ ނަމަ ޒައިދުލް އަމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލާކަމަށްވެސް މައުމޫންގެ ބަޔާނުގައިވެއެވެ.
ޒައިދުލް އަމީންގެ ބަޔާނުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވާއިރު، ޒައިދުލް އަމީން އާއި ސުވާލުކުރުމުގައި މިހާރުން ފެށިގެން އޭ.ސީ.ޕީ ބައިވެރި ކޮށްގެން ނުވާނެކަމަށް ދެކޭކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ހަމަ އެހެންމެ، ޒައިދުލް އަމީން އޭނާގެ ބަޔާނުގައި ކުރައްވާފައިވާ ތުހުމަތުތައް އިންސާފުވެރިކަމާއި އެކު ތަޙުޤީޤްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ނޭޝަނަލް އިންޓަގިރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
މައްސަލަ ބެލުމުގައި ނަވާޒު ބައިވެރިވެގެން ނުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ