ބިޝާމްގެ މައްސަލަ ގެންދިޔައީ ކުރިއަށް ނުދާތީ: މެންބަރު އަބްދުﷲ

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދެވީ އެމައްސަލާގައި ގޮތެއް ނިންމުން ފަސްކޮށް، ކޮމިޓީގައި މައްސަލަ ބޭއްވުމުން ކަމަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މައްސަލަ ދެފަހަރެއްގެ މަތިން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދެވި މައްސަަލާގައި ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މެންބަރު އަބުދުﷲ ވިދާޅުވީ އެ މައްސަލަ އަބުރާ ގެންދެވީ ކޮމިޓީގައި އެ މައްސަލަ އެޖެންޑާނުކޮށް ހިފަހައްޓަމުންދާތީ ކަމަށެވެ. އެގޮތުން 3 މަސް ވީއިރުވެސް އެ މައްސަލަ އެެޖެންޑާ ނުކޮށް އޮތުމުން އެތަނުގައި އެ މައްސަލަ ބާއްވައިގެން ރައްޔިތުންނަށް އުއްމީދުތަކެއް ދޭން ބޭނުން ނުވާތީ މަައްސަލަ ގެންދެވީ ކަމަށް އަބުދުﷲ ވިދާޅުވި އެވެ.
އެ މައްސަލަ އަބުރާ ގެންދަވާ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމަށް މެންބަރު އަބުދުﷲ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މައްސަލައިގައި ވަކިގޮތެއް ނުނިންމަވައި ކޮމެޓީގައި ހިމެނޭ އެހެން މައްސަލަތައް ނިންމަމުން ގެންދާ ކަން ފާހަގަކުރެއްވޭ ކަމަށެވެ.
މެންބަރު އަބުދުﷲ ވިދާޅުވީ ދެވަނަ ފަހަރަށް އިސްލާހުތަކެއް ގެނެސް އެމައްސަލަ ހުށަހެޅުއްވީ ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕްތަކުގެ އިސް ބޭފުޅުންނާ ވެސް މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީގައި ހިނގަމުން ނުދާތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް އޭރު ހުންނެވި ރޮޒައިނާ އާދަމާއި، ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕްތަކުގެ އިސް ބޭފުޅުންނާ މަޝްވަރާކޮށްގެން މަައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ކަމަށްވެސް އަބްދުﷲ ވަނީ މައުލޫމާތު ދެއްވާފަ އެވެ.
"އެ މައްސަލަ ހުށަހަޅާފަ އޮންނަތާ ދެތިންމަސް ވީއިރުވެސް އެޖެންޑާއެއް ނުކުރި. އެކަމަކު އެހެން މައްސަލަތައް ބަރާބަރަށް ކުރިއަށްގެންދޭ. އެމައްސަލަ ތާށިވެފަ މި އޮންނަނީ. އެހެންވީމަ އެކަމުގަ ރައްޔިތުންނަށް އުއްމީދުތަކެއް ދިނުމުގެ ބޭނުމެއް ނެއްތާ. އެ މައްސަލަ އެޖެންޑާ ނުކުރެވިގެން އުޅޭ މައްސަލައެއް ސާފެއްނުވި. އެހެންކަމުން އެމައްސަލަ ކޮމެޓީގައި ކުރިއަށް ގެންދަން އެޖެންޑާ ނުކޮށް ހިފަހައްޓަންޖެހޭ ސަބަބެއް ނޭނގުނު. އެހެންވެ މައްސަލަ އަނބުރާ ގެންދިޔައީ،" އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ އަހްމަދު ހުށަހެޅުއްވި އެ މައްސަލާގައި ފާހަގަކޮށްފައިވަނީ ހުކުމް ކުރުމުގެ ކުރިން އެތައް ބަޔަކު ބަންދުގައި ތިބިއިރު، އެކަމުގައި ޕީޖީ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނެތުމާއި، ސިޔާސީ މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނަށް ދޭންޖެހޭ އިނާޔަތްތައް ނުދިނުމާއި، އެ މީހުން ބަންދުކުރި ތަންތަނުގެ ހާލަތާ މެދު ކުރި ޝަކުވާތައް ބައްލަވާފައި ނެތުމެވެ. ޕީޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ ނެންގެވިއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޔާސަތަށް މިހާރު ވަނީ ބަދަލު އައިސްފަ އެވެ. އެގޮތުން އެ ކޮމިޓީގެ މުގައްރިރުކަން ކުރިން ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކޮމިޓީން ވަކިވެވަޑައިގަތުމުން، އެ ކޮމިޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަނީ ހަމަޖައްސަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ