އަވަށްޓެރި ގައުމުތަކުގެ ރައްޔިތުން ބޭރުކޮށެއް ނުލާނަން: ގަތަރު ސަރުކާރު

އަވަށްޓެރި ގައުމުތަކުން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް، ގަތަރުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ގަތަރުގައި ތިބުމަށް މަރްހަބާ ކިޔާ ކަމަށް ގަތަރު ސަރުކާރުން ބުނެފިއެވެ.
ގަތަރު ސަރުކާރުން މިކަން މި ހާމަކުރީ، ގަލްފްގެ އަރަބި ބައެއް ގައުމުތަކުގައި ތިބި ގަތަރުގެ ރައްޔިތުން އެގައުމުތަކުން ފައިބައިގެންދިއުމަށް 14 ދުވަހުގެ މުހުލަތު ދީފައިވާ މައްސަލާގައެވެ.
ގަތަރު ސަރުކާރުން ބުނެފައިވަނީ، އަވަށްޓެރި ގައުމުތަކުން އެފަދަ ފިޔަވަޅުތަކެއް އެޅިނަމަވެސް އެކަމަށް ރައްދު ދިނުމުގެގޮތުން ނުވަތަ ބަދަލުހިފުމުގެ ގޮތުން ގަތަރުން އެފަދަ އެއްވެސް ފިޔަވަޅެއް އަޅަން ބޭނުން ނުވާކަމަށެވެ.
ގަތަރު ސަރުކާރާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، ގަތަރުގައި ދިރިއުޅޭ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުން ބޭނުން މުއްދަތަކަށް ގަތަރުގައި ތިބެވިދާނޭ ކަމަށެވެ.
ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ބަހްރެއިންގެ 11،000 އަށްވުރެ ގިނަ ރައްޔިތުން ގަތަރުގައި ދިރިއުޅެމުން ގެންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ސައުދީ އަރަބިއްޔާ، ބަހްރެއިން އަދި ޔޫއޭއީގައި ދިރިއުޅޭ ގަތަރުގެ ރައްޔިތުން ރަށުން ފައިބައިގެން ދިއުމަށް އެންގުމާ ގުޅިގެން އެކަމުން ނުކުމެދާނެ ދެރަ ނަތީޖާގެ ކަންބޮޑުވުންތައް މުޅި ގަލްފަށް ފެތުރިފައި ވެއެވެ. ސަބަބަކީ، އޭގެ ސަބަބުން އާއިލާތަކާއި، މައިންބަފައިންނާއި ދަރިން ވަކިކުރެވިގެންދާތީއެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފައިވަނީ، ސައުދީ، ޔޫއޭއީ، ބަހްރެއިންގެ ފިޔަވަޅުތަކުގެ ސަބަބުން އެތައްހާސް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. ހިތްފަޅައިގެންދާފަދަ ބިރުވެރިކަންވެސް އެމީހުންނަށް ތަހައްމަން ކުރާންޖެހިފައިވާ ކަމަށެވެ.
އާއިލާތައް ވަކިވުމުގެ މައްސަލަ ބައިނަލްއަގްވާމީ މުޖުތަމައުގައިވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ނެގުމާ ގުޅިގެން ސައުދީ އަރަބިއްޔާއިން މިއަދު ބުނެފައިވަނީ، ދެގައުމުގެ ރައްޔިތެއްގެ ދަރަޖަ އޮންނަ އާއިލާތަކަށް އެހީތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ، އެކަމަށް މާލީ އެހީތެރިކަން ވެދޭކަމަށް ބުނެ ސައުދީ އަރަބިއްޔާ އިސްވެއޮވެ ގަލްފްގެ އަރަބި ބައެއް ގައުމުތަކާއި އިސްލާމީ ބައެއް ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައިވާއިރު، ސައުދީ، ޔޫއޭއީ، ބަހްރެއިނުންވަނީ ގަތަރަށް އެގައުމުތަކުގެ ވައިގެ ސަރަހައްދާއި، ކަނޑާއި އަދި އެއްގަމު ސަރަހައްދުވެސް ބަންދު ކޮށްފައެވެ. ގަތަރާ އެއްފަސް ވެގެން އޮންނަ ހަމައެކަނި ގައުމަކީ ސައުދީ އަރަބިއްޔާއެވެ.
ގަތަރު ސަރުކާރުން މިއަދު ބުނެފައިވަނީ، އެގައުމާ ސިޔާސީ ގުޅުން ކަނޑާލައި އަވަށްޓެރިގައުމުތަކުން ދަތިކުރި ނަމަވެސް، އެގައުމާއި ބޭރު ދުނިޔެއާ ދެމެދު ކުރެވޭ ވިޔަފާރިވެސް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށެވެ. އެގައުމުގެ ގުދުރަތީ ގޭސް އެކްސްޕޯޓް ކުރުމަށްވެސް އެއްވެސް ހުރަހެއް ކުރިމަތިވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
ގަލްފްގައި ހިމެނޭ އެންމެ ކުޑަ ގައުމު ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމިގެންދިޔައީ އެގައުމުގެ ތެލާއި ގޭހުގެ ވިޔަފާރީގެ ސަބަބުންނެވެ.
ސައުދީން އެއްގަމު މަގު ބަންދުކުރުން އީރާނުން މިހާރުވަނީ ގަތަރަށް ބޭނުންވާ ތަރުކާރީއާއި، މޭވާ ގަތަރަށް ފޮނުވަން ފަށާފައެވެ. އެގޮތުން، ވައިގެ މަގުން އެތައް ޓަނެއްގެ ތަރުކާރީއާއި މޭވާ ފޮނުވާފައިވާއިރު، ކަނޑުމަގުންވެސް އީރާނުގެ 3 ބޯޓެއް ތަކެތި ހިފައިގެން ގަތަރަށް ދިއުމަށް މިހާރުވަނީ ފުރާފައެވެ.
ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތް 2022 ވަނަ އަހަރު ގަތަރުގައި ބާއްވަން ހަމަޖެހިފައި ވާއިރު، ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯވެސް މިއަދު ވިދާޅުވީ، މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ފުޓްބޯޅަ މުބާރާތަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ގަތަރާއި، އެގައުމުގެ އަވަށްޓެރިންނާ ދެމެދު މިހާރު ހިނގަމުންދާ ސިޔާސީ އަރާރުން ފެށުނުފަހުން ހަފްތާއެއް ވެގެންގޮސްފައިވާއިރު، މިމައްސަލަ ހައްލު ކުރެވޭތޯ ކުވައިތާއި، އެމެރިކާ އަދި ރަޝިޔާ، ފަރަންސޭސިވިލާތްގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް މައްސަލައިގެ ތެރެއަށް ވަންނާން މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ކުވައިތުން ގެންދަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މައްސަލަ ހައްލުވެދާނެ ކަމުގެ އެއްވެސް އަލިމަގެއް އަދި ނުފެންނަ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ