ޑްރަގް ކޯޓުގެ ގާޒީ މަހާޒު ހުށަހެޅުއްވި މައްސަލަ މުރާޖައާކުރަން ޖޭއެސްސީން ނިންމައިފި

ޑްރަގްކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ޑްރަގް ކޯޓުގެ ގާޒީ މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް 2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 21 ވަނަ ދުވަހު އެކޮމިޝަނުން ނިންމާފައިވާ ނިންމުން ރިވިއުކުރުމަށް އޭނާ ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެމައްސަލަ ރިވިއުކުރުމަށްޓަކާ ކޮމިޝަންގެ 5 މެމްބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެގޮތުން އެކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނާއިބުރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެމްބަރު މަސްތޫރު ހުސްނީއާއި، ކޮމިޝަންގެ މެމްބަރު ރައީސް މުހައްމަދު ނަޝީދާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންގެ އިތުރުން ޑރ އަލީ ޝަމީމެވެ.
މަހާޒްގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައި މިވަނީ 2015 ވަނަ އަހަރު އޭނާގެ އަމިއްލަ ބޮލޮގްގައި ޝަރުއީ ދާއިރާއާއި ގުޅެގޮތުން ލިޔުއްވާފައިވާ ލިޔުއްވުމަކާ ގުޅޭ ގޮތުންނެވެ.
މަހާޒުގެ އަމިއްލަ ބްލޮގުގައި އޭނާ ވިދާޅުވެފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ކޮންމެ އުސޫލަކީ ގާނޫނުއަސާސީއާ ހިލާފު އުސޫލެއް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތެއްގައި ކޯޓުތަކުގައި ކުރިއަށް ގެންދާ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ހާޒިރުވުމަށް އެންގެނޭ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޖިނާއީ ދައުވާތަކަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ފަރުދީ ގޮތެއްގައި ކުރާ ދައުވާތަކެއް ނޫން ކަމުން ކޯޓުތަކުގެ އެންގުމަށް ވަކީލުން ހާޒިރުނުވި ނަމަވެސް ވަކީލުންނާ ދެކޮޅަށް ފިޔަވަޅު ވެސް އެޅިގެން ނުވާނެ ކަމަށް މަހާޒު ވިދާޅުވިއެވެ.
ޕީޖީގެ މައްސަލައިގައި މަހާޒު އޭނާގެ އަމިއްލަ ޚިޔާލު ފާޅުކުރެއްވީ ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވެ ދައުވާތަކަށް ޖާބުދާރީވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގެ ކުރިންނެވެ.
މިމައްސަލަ ޖޭއެސްސީން ކުރިން ބެލުމަށް ފަހު ނިންމާފައިވަނީ އޭނާއަށް އިންޒާރު ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ