ކަޅުވަކަރު މިސްކިތް ހޯދުމަށް ރައްޔިތުން ނުކުންނަން ޖެހިއްޖެ

ރާއްޖޭގެ އާސާރީ ހިރިގަލުގެ މިސްކިތެއް ކަމުގައިވާ ކަޅުވަކަރު މިސްކިތް ހޯދުމަށް ރައްޔިތުން ނުކުންނަން ޖެހިއްޖެ ކަމުގައި ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމުހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ކަޅުވަކަރު މިސްކިތް ރޫޅާލި ފަހުން އެމިސްކިތަށް ވީގޮތް ނޭނގޭ ކަމަށެވެ. މިގޮތުން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށާއި ކަމާއި ބެހޭ މިނިސްޓްރީއަށްވެސް އެމިސްކިތާއި ގުޅޭ މައުލޫމާތެއް މިހާރު ލިބިފައި ނެތްކަމުގައި ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، ކަޅުވަކަރު މިސްކިތާއި މެދު އަމަލު ކުރިގޮތުން ވެސް ރައީސް ޔާމީނުގެ ސަރުކާރުން ކުރާ ދީނަށް ފުރައްސާރަ ކުރުމުގެ ކަންކަންވެސް ހާމަވެގެންދާ ކަމަށެވެ.
" މިއަދު އަޅުގަނޑުމެންނަށް ކަޅުވަކަރު މިސްކިތް ވީނުވީއެއް ނޭނގި ވީތަނެއްވެސް ނޭނގެ. އެހެންވީމަ ދިވެހި ރައްޔިތުން ކަޅުވަކަރު މިސްކިތް ހޯދުމަށް މިވަނީ ނުކުންނަން ޖެހިފައި." ސަމީރު ވިދާޅުވިއެވެ.
ކަޅުވަކަރު މިސްކިތަކީ ރޫޅައި ރޭވޭ ގޮތަށް ހިރިގަލާއި ލަކުޑިން ހަދާފައިވާ ކުޑަ މިސްކިތެކެވެ. އެންމެ ފަހުން ސަލްޓަން ޕާކުގެ އިރު ދެކުނު ކަނުގައި ކަޅުވަކަރު މިސްކިތް ހުރި އިރު އެމިސްކިތް އެތަނުން ނެގީ، އެމިސްކިތް ތިނަދޫއަށް ބަދަލު ރަސްރަނި ބަގީޗާގެ ވިންޓާ ކޯނާ އެތަނުގައި ހެދުމަށެވެ. ކަޅުވަކަރު މިސްކިތަށް ވީގޮތެއް ނޭނގުނަސް އެމިސްކިތް ހުރި ބިމުގައި ހަދާ ވިންޓަރ ކޯނާގެ މަސައްކަތް މިހާރު ވަނީ ނިމުމަމާއި ހަމައަށް ގޮސްފައެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލައި ބަންދުކޮށް ބަހައްޓާފައި ވަނީ ދާރުލްއާސާރުގެ އިމާރާތުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމިސްކިތް ތިނަދޫއަށް ބަދަލު ކުރުމާއި މެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދުމަށް ފަހުން ފަހުން އެކަމުގައި ސަރުކާރުން ނިންމި ގޮތެއް މިހާތަނަށް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ