ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމަށްފަހު ދާދި ދެންމެއަކު އަނބުރާ ދޫނިދޫއަށް ގެންގޮސްފިއެވެ.
އަބްދުﷲ ރިޔާޒް އަނބުރާ ދޫނިދޫއަށް މިގެންދިޔައީ، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދައުވާއާ ގުޅޭ ލިޔެކިއުންތައް ހުށަހެޅުމަށް 2 ދުވަސް ދިނުމަށްފަހު ގައެވެ.
5 ދުވަސްފަހުން މައްސަލައިގެ އަޑުއެހުމެއް އޮންނާނޭ ކަމަށް ކޯޓުން އަންގާފައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލަކު ހަމަޖައްސަންވެސް ކްރިމިނަލް ކޯޓުން ރިޔާޒަށް ފުރުސަތު ދީފައި ވެއެވެ.
ރިޔާޒުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލަކު ވިދާޅުވެފައިވަނީ، ރިޔާޒުގެ ޝަރީއަތް މިއަދު ކޯޓުގައި ކުރިއަށްދިޔައީ ވަކީލަކާ ނުލައި ކަމަށް އާއިލާއިން ބުނެފައިވާ ކަމަށާއި ވަކީލަކު ހޯދުމުގެ މަސައްކަތް އާއިލާއިން ކުރަމުންދާ ކަމަށެވެ.
ފުލުހުން އަބްދުﷲ ރިޔާޒް، މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައި ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.
ނަމަވެސް ކޯޓުގައި މިއަދު ކުރިއަށްދިޔައީ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.
އަބްދުﷲ ރިޔާޒް އަނބުރާ ދޫނިދޫއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ