ކޯވިޑް-19ގެ ބަލިޖެހި ފަރުވާ ހޯދަމުންދާ މީހުންގެ މައުލޫމާތު ސިއްހީ ހިދުމަތްތެރިންގެ މެދުގައި ފަސޭހަކަމާއެކު ހިއްސާކުރުމަށް ހާއްސަ އޮންލައިން ސިސްޓަމެއް އައިޖީއެމްއެޗްއިން ތައަރަފްކޮށްފިއެވެ.
ކޯވިޑް ކެއަރ-19ގެ ނަމުގައި ލޯންޗްކޮށްފައިވާ މި ސިސްޓަމަކީ އައިޖީއެމްއެޗްއިން އިސްނަގައިގެން މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ – އެޗްޕީއާއި ގުޅިގެން ގާއިމްކުރި ސިސްޓަމެކެވެ. ކޮމްޕިއުޓަރ އަދި ފޯނުންވެސް މައުލޫމާތު އަޕްލޯޑްކޮށް، ބަލާލެވޭހެން ތައްޔާރުކޮށްފައިވާ މިސިސްޓަމްއަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ތަރައްޤީކޮށްފައިވާ ޑާޓާ ނުވަތަ މައުލޫމާތު އެއްކޮށް ހިއްސާކުރުމަށް ހާއްސަ ސިސްޓަމެކެވެ.
މިސިސްޓަމްގެ ބޭނުންމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޯވިޑް-19 އަށް ފަރުވާ ދެމުންދާ ފަރާތްތަކުގެ ސިއްހީ ތަފްސީލްތައް ސިއްހީ ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ގޮތް ހަދާ، މިފަދަ މައުލޫމާތު ރައްކާތެރިކަމާއެކު އެއްކުރެވިފައި ހުރުމަށް މަޤުފަހިކޮށްދިނުންކަމަށް އައިޖީއެމްއެޗްއިން މައުލޫމާތުދެއެވެ.
މިސިސްޓަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެކި ތަންތާންގައި ސިއްހީ ހިދުމަތްތައް ދެމުންދާއިރު މިފަދަ ސިސްޓަމެއްގެ ސަބަބުން ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މި ސިސްޓަމް މިއީ މިހާރުވެސް އަދި ކުރިޔަށް އޮތްތަނުގައި މިފަދަ ތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސިސްޓަމް ބިނާކުރުމުގައި ކޯވިޑް-19ގެ ކަންކަމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީގައި ހަރަކާތްތެރިވަމުންދާ ހުރިހާ ފަރާތެއްގެ ހިއްސާ އެބައޮތް ކަމަށެވެ. އަދި މި ސިސްޓަމްގެ ބޭނުމާއި މަންފާ ކޯވިޑް-19ގެ ފަހުންވެސް ވަރަށް ބޮޑަށް ކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ މާލެއާއި ރާއްޖެތެރޭގެ އެކި ރަށްރަށުގައި ކޯވިޑް-19 ޖެހި ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ކްލިނިކަލް އަދި ޑައިގްނޯސްޓީކް ނުވަތަ ފަރުވާގެ ތަފްސީލްތައް ރައްކާކޮށް، ޑޮކްޓަރުގެ އިރުޝާދާއި ހިޔާލު ހިއްސާކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. ކޯވިޑް-19އާ ގުޅިގެން އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން 16 ތަނެއްގައި އެކިއެކި މަސައްކަތް ކުރަމުންދެއެވެ.
ފަރުވާ ހޯދާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ ކޯވިޑް ކެއަރ-19 ސިސްޓަމެއް ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ