ޕީޕީއެމްގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަދަ ހަރުދަނާ ލީޑަރެއް އަންނަންޖެހޭ ކަމަށް ގެމަނަފުށީ ދާއިރާގެ ޕީޕިއެމް މެމްބަރު ޖަމީލު އުސްމާން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުތަކެއް އަންނަމުންދާއިރު އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވަނީ ޕީޕީއެމްގެ ރައީސްގެ މަގާމު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ޔާމީނަކީ ޕީޕީއެމްގެ މުސްތަޝާރު ވެސް މެއެވެ.
އުމަރުގެ މި ވާހަކަތަކާ ގުޅިގެން ޖަމީލު އުސްމާން މިއަދު ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރުގެ އިރުޝާދާއެކު ޕާޓީގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންދިޔުމަށް އުމަރު ފަދަ ހަރުދަނާ ލީޑަރެއް ޕީޕީއެމްގެ ރައީސްގެ މަގާމަށް ވީހާވެސް އަވަހަށް އަންނަންޖެހޭ ކަމަށެވެ.
PPM ge raees ge magaamugai #UmarNaseer @umarnaseer_mv fada harudanaa leader eh avahah annan ebajehy, PPM ge Musthshaaru #RaeesYaameen irushaadaai eku party ge siyaasee harakaai kuriyah gendiumah. https://t.co/7teyacV3mG
— Jameel Usman JU (@Jameel_Usman) April 21, 2019
ޕީޕީއެމްގެ ރައީސްގެ މަގާމަށް އުމަރު ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ޕީޕީއެމުން ރޭ ވަނީ އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް އާ ތިން ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ތ.ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި މީގެކުރިން ތިއްބެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްއާ، ރަައީސް އޮފީހުގެ ކުރީގެ ލީގަލް މިނިސްޓަރު އާޒިމާ ޝަކޫރުއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ނަމަވެސް އަބްދުއްރަހީމް އާއި ސައީދަކީ މިހާރު ކޮންގްރެސް ޕާޓީގެ މެންބަރުންނެވެ.
ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސްފައިވާއިރު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި މީގެކުރިން ހުންނެވި އަހުމަދު ނިހާން ވަނީ އެންމެފަހުން ބޭއްވި ދެ އިންތިހާބުން ޕީޕީއެމް އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން އެ ޕާޓީގައި ކުރިން އޮތް ލީޑަޝިޕް އިސްތިއުފާ ދެއްވުމަށް ދާދިފަހުން ގޮވާލާފައެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމަށް އުމަރު އަންނަންޖެހޭ: ޖަމީލު އުސްމާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ