ރާއްޖެއިން އުފައްދާ މުއްސަނދިކަން ރާއްޖޭގައި ހިފެހެއްޓޭނެ އިތުރު މަގުތަކެއް ހޯދަން ޖެހޭ: ރައީސް މައުމޫން

ރާއްޖެއިން އުފައްދާ މުއްސަނދިކަން ރާއްޖޭގައި ހިފެހެއްޓޭނެ އިތުރު މަގުތަކެއް ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ އިގުތިޞާދު ކުރިއަރައި، މަނިޓަރީގެ ސިޔާސަތު ހަރުދަނާވުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެދޭނެ ކަމެއް ކަމަށާއި ރާއްޖޭގެ އިގުތިޞާދު ބިނާވެފައި އޮންނަނީ ވަރަށް މަދު ގުދުރަތީ ވަސީލަތްތަކެއްގެ މައްޗަށްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"އެ މަދު ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެ. އަދި އެ ވަސީލަތްތަކުގެ ފައިދާ އަޅުގަނޑުމެން ރައްޔިތުންނަށް އެންމެ ބޮޑަށް ލިބޭ ގޮތަކަށް އަޅުގަނޑުމެންގެ އިގުތިޞާދީ ރޭވުންތަކަށް މަނިޓަރީ ސިޔާސަތުތައް ބައްޓަންކުރެވެން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް ލިބޭ ފައިދާ އެންމެ ބޮޑަށް ލިބޭ ބަޔަކީ ދިވެހި ރައްޔިތުން ކަމަށް ވާން ވާނެ ކަމަށާއި އެކަންކަމަށް ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ވިސްނައި، ގައުމީ ފުދުންތެރިކަން އިތުރުކުރެވޭނެ ސިޔާސަތުތަކެއް ރާވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ވިސްނައިވަޑައިގެން، ގައުމީ ފުދުންތެރިކަން އިތުރުކުރެވޭނެ ސިޔާސަތުތަކެއް ރާއްވަވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި ރާއްޖެއިން އުފައްދާ މުއްސަނދިކަން ރާއްޖޭގައި ހިފެހެއްޓޭނެ ގޮތްތައް ހޯދުމަށް އިތުރު މަގުތަކެއް ކޮއްޓަވައިދެއްވާނެ ކަމަށްވެސް އުންމީދުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ 38 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިޞާދާ މެދު ބޭރު ގައުމުތަކުގެ އިތުބާރު ވެސް އިތުރުވެގެން ގޮސްފައިވާ ކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި މިއަދު އެމްއެމްއޭ އިން ވަރަށް މަތީ މަގާމެއް އަދި ވަރުގަދަ އިތުބާރެއް ހޯދާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ