ސަމާލުވޭ! އަދިވެސް މޫސުން ގޯސްވާނެ
މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރާތީ ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފްއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން ރިޕޯޓްކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އޭގެ ތެރޭގައި އެނބޫދޫ ފިނޮޅު ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާއާއި އއ. ކުރަމަތި ރިސޯޓްގެ ސީޕްލޭން ޕްލެޓްފޯމުގައި އަޅާފައި އޮތް ޓްރާންސް މޯލްޑިވަސް އެއާލައިން (ޓީއެމްއޭ)ގެ ސީޕްލޭނެއް ފައްތިޔަލާއެކު ކަހާލައިގެން ގޮސް ދޯންޏެއްގައި ޖެހި ގެއްލުން ލިބުނު ހާދިސާ ހިމެނެ އެވެ. އޭގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ވިލިމާލެއިން ކެނޯއެއްގައި ނިކުމެގެން އުޅެނިކޮށް ދެ މީހަކު ގެއްލިގެންވެސް ރިޕޯޓްކުރި އެވެ. ނަމަވެސް އެ ދެމީހުން ފަހުން ވަނީ ފެނިފަ އެވެ. މިއަދު މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ޅ. ދިއްފުށިމާދޫ ފަރަށް ޔޮޓެއް ވެސް ވަނީ އުރިފަ އެވެ. އެމްއެންޑީއެފްއިން ވަނީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް އަންގައިފަ އެވެ. މީގެ އިތުރުން، އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިންވެސް ވަނީ ވައި ގަދަވެ ކަނޑުތަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއްކަމަށް އެ އިދާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ