ފަނޑިޔާރު ދީދީ ވަކިކުރުމަށް ކޯލިޝަން ލީޑަރުންގެ ތެރޭގައި ހިމެނޭ ގާސިމް ވޯޓެއް ނުދެއްވި

ސީރިއަސް ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ދިރާސާކުރަން ފޮނުވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް އޭނާ ވަކިކުރަން ފެންނަ ކަމަށް ނިންމުމާއި ގުޅިގެން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ކޯލިޝަން ލީޑަރުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓެއް ނުދެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދަކީ އިތުބާރުގެއްލިފައިވާ ޖުޑިޝަރީ އިސްލާހުކުރުމެވެ. އެގޮތުން އާ ސަރުކާރުން ވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށް މިހާރު ވެސް ބައެއް ގާނޫނީ ބަދަލުތައް ވެސް ގެނެސްފަ އެވެ. އަދި އާ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އަށް ލިބުމުން އެ މަސައްކަތް ވަނީ ބާރު ސްޕީޑެއްގައި ފެށިފައި ކަމަށް އެ ޕާޓީން ބުނެ އެވެ.
އެގޮތުން މިހާރު ވަނީ ގާނޫނީ ވަކީލުންގެ ކަންކަން ބެލުމަށް ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފައްދައިފަ އެވެ. އަދި ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީގެ އަގުލަބިއްޔަތު ލިބުމާއި ގުޅިގެން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތާއި ކޯޓުތަކުގެ މަސައްކަތްތައް ލަސްވުން ފަދަ ގިނަ ކަންކަން ބަލަން ފަށައި، "ނިދާފައި" އޮތް ޖުޑިޝަރީ ވަނީ "ހޭލައްވާލައިފައި" ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
ބޮޑެތި ތުހުމަތު ތަކަކާއި ގުޅިގެން ފަނޑިޔާރު ދީދީ ވަކިކުރަން މަޖިލީހުގައި ވޯޓަށް އެހުމުން އެކަމާއި ދެކޮޅަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވަ އެވެ. އެކަމަކު ވަކި ކޮޅަކަށް ވޯޓް ނުދެއްވާ އިންނެވީ ގާސިމް އެކަންޏެވެ. ގާސިމް އެގޮތަށް އަމަލުކުރެއްވި ނަމަވެސް އެ ޕާޓީގެ އެހެން މެމްބަރުން ވަނީ ދީދީ ސްޕްރީމް ފަނޑިޔާރުކަމުން ވަކިކުރުމާއި އެއްކޮޅަށް ވޯޓް ދެއްވައިފަ އެވެ.
ވަކި ގޮތަކަށް ގާސިމް ވޯޓް ނުދެއްވާއިރު، ޕީޕީއެމްގެ ދެ މެމްބަރުންގެ އިތުރުން ޕީއެންސީގެ ދެ މެމްބަރުންނާއި، އެމްޑީއޭގެ މެމްބަރަކު އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. ނަމަވެސް ބޮޑު އަގުލަބިއްޔަތެއް ކަމަށްވާ 72 މެމްބަރުންގެ ވޯޓާއި އެކު ދީދީ މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ނިންމާ ގޮތެއްގެ މައްޗަށް މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓެއްގައި ބައިވެރިވާ މެމްބަރުންގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުގައި ވޯޓަށް އެހި އިރު ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ދީދީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ އިއްޔެ އެވެ.
ޖޭއެސްސީން ދީދީ މަގާމުން ވަކިކުރަން އިއްޔެ މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ ރޭ 21:00 ގައި އޮތް މަޖިލީހުގެ ޖަލްސާގަ އެވެ. އަދި ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމިޓީން ވެސް ނިންމާފައިވަނީ ރޭގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުންނެވެ.
ފަނޑިޔާރު ދީދީ އާ ބެހޭ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އަދި ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އޭނާ ވަނީ ޖޫން މަހު ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. ދީދީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވީ ފުލުހުންނާއި ހަވާލާދީ ޖޭއެސްސީން ބުނެފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިންނެވެ.
އޭނާގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ދީދީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ދީދީ އާ ގާތް ގުޅުމެއް އޮންނަ ކަމަށް ފޯނުގެ މެސެޖުތަކުން އެނގޭ ކަމަށް ވެއެވެ.
ދީދީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގު ކުރެ އެވެ. ދީދީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް ކުށެއް ދުވަހަކު ވެސް ކޮށްފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ