އެނބުރި މިއައީ ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން - ނަޝީދު

އެމްޑީޕީއިން އެނބުރި ވެރިކަމަށް އައިސް ތިބީ ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
މީރާއަށް ނުވަ އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރު ވައްޓާލާފައި ވަނީ އަމިއްލަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ނެގުމުގެ ކުރިން ކަމަށެވެ. އެކަމަކު، އެ ޕާޓީން އެނބުރި އައީ އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އަދިވެސް ބޮޑެތި ބިލްތަކެއް ތިބި ކަމަށާއި އޭގެ ތެރެއިން އިންކަމް ޓެކްސް ނެގުމުގެ ބިލް މި އަހަރު ފާސް ކުރަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ބޮޑަށް އަމާޒުކޮށްފައި ވަނީ އަމިއްލަ ފަރުދުންގެ އާމްދަނީން ލިބޭ ޓެކްސްގެ މައްޗަށް ވަރަށް ބޮޑަށް ބިނާކޮށްފައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ހެދި އެންމެ ފުރަތަމަ ބަޖެޓު ހަތް ބިލިއަން ރުފިޔާ އަށް ނާރާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ބޭސް ސިޓީއަށާއި ފޮތް ލިސްޓަށް އާދޭސް ކުރުމާއި ފޯނު ބިލާއި ކުލި ނުދެއްކިގެން ރައްޔިތުން އޭރު ތިބީ ހާސް ކަމެއްގައި ކަމަށެވެ.
ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް ރޭ ވަނީ އެވޯޑު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ