އާއިލީ ވެރިކަމުގެ ވާހަކަ ދައްކާފައި މިޖެހުނީ ކޮންތާކު: އުމަރު

ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމް ރާއްޖޭގައި ވެރިކަން ކުރެއްވި ދުވަސްވަރު، އެމްޑީޕީން އެންމެ ގިނައިން ދެއްކީ އާއިލީ ވެރިކަމު ވާހަކަ ކަމަށާއި ރައީސް މައުމޫނުގެ ވެރިކަމަކީ އާއިލ،ީ ވެރިކަމެއްގެ ގޮތުގައި ސިފަކުރި އިރު މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ ވެސް ކުރަމުންދަނީ އާއިލީ ވެރިކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރް ވިދާޅުވެއްޖެ އެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންނަކީ އެެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޮޑުބޭބެއެއްގެ ދަރިކަނބަލެކެވެ. މިހާރުގެ ފުލުސް ކޮމިޝަނަރަކީ ވެސް އެގޭ ބޭފުޅެއްގެ ފިރިކަލުންނެވެ. އަދި ރައީސް މައުމޫންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކޮއްކޯފުޅު އަބްދުﷲ ހަމީދު ހުންނަވާއިރު އަނބިކަނބަލުންގެ ކޮއްކޯފުޅު އިލްޔާސް އިބްރާހިމާއި ރައީސް މައުމޫނުގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ވަޒީރު ކަމުގައި ތިއްބަވަ އެވެ.
އެމްޑީޕީއަށާއި ލީޑަޝިޕަށް އުމަރު ފާޑު ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަން އެމްޑީޕީން ގެންދާނެ ނަމެއް ހޮވަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީން ފާސްކޮށްފައި ވަނީ ރައީސް މުހައްމަދުގެ ނަޝީދުގެ ނަމާއި އެ މަނިކުފާނުގެ އާއިލީ ކޮއްކޯފުޅެއް ކަމަށްވާ އީވާ އަބްދުﷲ ގެނަމެވެ.
އަބަދުވެސް އެމްޑީޕީއަށް ފާޑު ވިދާޅުވާ އުމަރު ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ، މިހާރު އެމްޑީޕީން ކަންތައް ކުރާ ގޮތުން ވެސް، ސިފަ ވަނީ ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ފިޔަވައި އެހެން މީހަކަށް ސިޔާސީ މައިދާނުގެ އިސް މަގާމެއް ފުރުމުގެ ފުރުސަތު ނެތް ކަމަށެވެ.
އަދި ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުގެ ކަށްވަޅު ކޮންނަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއިން ކަމަށާއި ވެރިކަމުން ރައީސް ސޯލިހު ދުރުކުރުމުގެ މަސައްކަތް އެހެން ފަރާތްތަކުން ކުރަން ނުޖެހޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭނެ ހަމަ އެކަނި ކަމަކީ "ކަށްވަޅު ކޮށްނަން އުދަލި ދިއްކޮލުން" ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ