ފީވަކަށް ކަރަންޓު ދިނުމުގެ މަސައްކަތަށް ބަޔަކުދަނީ ހުރަސް އަޅަމުން: ފެނަކަ

ށ. އަތޮޅު ފީވަކަށް ކަރަންޓު ދިނުމަށް ފެނަކައިން ކުރަމުންދާ މަސައްކަތަށް ބަޔަކު މީހުން ރާއްވައިގެން ދަނީ ހުރަސް އަޅަމުން ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެރަށުން ކަރަންޓު ކެނޑުމާ ބެހޭ ގޮތުން މިއަދު ނެރެފައިވާ ބަޔާނެއްގައި ފެނަކައިން ވިދާޅުވެފައިވަނީ އެރަށަށް ކަރަންޓް ދެވޭވަރަށް ޖެނެރޭޝަން ކެޕެސީ ޓީ އެބައުހުރި ކަމަށެވެ. "ނަމަވެސް ބަޔަކު ރާވައިގެން މަސައްކަތަށް ހުރަސް އަޅަމުންދާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ." ފެނަކައިން ވިދާޅުވެފައިވެއެވެ.
ދެމެހެއްޓެނިވި ގޮތަކަށް އެރަށަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިން ވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށް ވެސް އެބަޔާނުގައިވެއެވެ.
އެރަށު އިންޖީނުގެއިން ރައްޔިތުންނަށް ޚިދުމަތް ދެމުން ގެންދަނިކޮށް މިމަހު 16 ވަނަ ދުވަހު ޕެނަލް މަސައްކަތެއް ޓެކްނިކަލް ޓީމުން ކުރަމުން ދަނިކޮށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑު ގަދަކޮށް ހެދުމުން މަސައްކަތުގެ މާޙައުލު ގެއްލި ކަރަންޓުގެ ޚިދުމަތް ދިނުމަށް ގިނަވަގުތު ހޭދަވި ކަމަށް ވިދާޅުވެފައިވެއެވެ.
އެރަށުގެ ކަރަންޓަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް މިމަހު 22 ވަނަ ދުވަހު އަނެއްކާވެސް ޓެކްނިކަލް ޓީމެއް މަސައްކަތް ކުރަމުންދަނިކޮށް އެރަށު ބަޔަކު ވަނީ އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ވަދެ މުވައްޒަފުންނަށް ބިރު ދައްކައި މުޅިރަށުން ކަރަންޓުގެ ޚިދުމަތް ކަނޑާލައިފައެވެ. އެދުވަހު ކަރަންޓު ދެވުނީ އެތައް އިރެއްފުން ކައުންސިލާއި ރައްޔިތުންގެ ތެރެއިން ބަޔަކާ ވާހަކަ ދެކެވިގެން ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.
މިމަހުގެ 24 ވަނަ ދުވަހުގެރޭ ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުނުތަނާ ބަޔަކު އައިސް އިންޖީނުގެއަށް ވަދެ އަޑުގަދަކޮށް މަސައްކަތުގެ މާހައުލު ވަނީ ގެއްލުވާލައިފައެވެ. އަދި ކަރަންޓު ދިނުމަށް ވެސް ވަނީ ދެކޮޅުހަދައިފައެވެ. އެކަން އެގިތަށް ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ރަށުތެރެއިން އިތުރު ބަޔަކު ނުކުމެ ކަރަންޓު ދިނުމަށް އެދުމުންނެވެ. އެގޮތަށް ދިމާވުމުން ކަރަންޓު ދިނުމަށް ގިނަ ވަގުތައް ވަނީ ހޭދަވެފައި ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ