އަލްޤައްސާމް ބުރިގޭޑްގެ ވެރިޔާ އިސްރާޢީލުން ޝަހީދުކޮށްލައިފި

އިބްރާހީމް ނާޒިމްޙަމާސްގެ ހަތިޔާރުއެޅި ގޮފި ކަމުގައިވާ ޢިއްޒައްދީނުލް ޤައްޞާމް ބްރިގޭޑްގެ ވެރިޔާ މަހުމޫދު އަލްމަބްހޫ އިސްރާޢީލުން ޝަހީދުކޮށްލައިފިއެވެ.ދިމިޝްޤުގައި ހުންނަ ޙަމާސްގެ މީޑިޔާ އޮފިޝަލް ރިޝްޤް ޕްރެސް ޓީވީ އަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ އިސްރާޢީލްގެ އެޖެންޓުން އޭނާ ޝަހީދުކޮށްލާފައި ވަނީ ދުބާއީގެ ހޮޓަލެއްގައި އުޅެނިކޮންނެވެ. މަބްހޫގެ ކޮއްކޮ އާއި ހަވާލާދީ އަލްޖަޒީރާއިން ހާމަކޮށްފައި ވަނީ އޭނާ ޝަހީދުކޮށްލާފައި ވަނީ ކަރަންޓުގައި ޖައްސައިގެން ކަމުގަ އެވެ. ޓެސްޓްތަކުން ހާމަވެފައި ވަނީ މަބްހޫގެ ބޮލަށް ކަރަންޓު ޝޮކް ދިނުމުގެ އިތުރުން އޭނާގެ ކަރު އަނބުރާލާފައި ވާކަމެވެ. ފްރާންސްގެ ލެބަކަށް ބައެއް ސާންޕަލްތައް ފޮނުވައިގެން ކުރެވުނު ޓެސްޓްތަކުން މިކަންވަނީ ކަށަވަރުވެފަ އެވެ.ޝަހީދުކޮށްލެވުނު މަހުމޫދު އަލްމަބްހޫ އަކީ އަލްޤައްސާމް ބްރިގޭޑްގެ ފައުންޑަރ މެންބަރެކެވެ. މިހެންކަމާއި އެކު ޙަމާސްގެ މީޑިޔާ އޮފިޝަލް ބުނެފައި ވަނީ އިސްރާޢީލުން މިކަމަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށެވެ. މީގެ މާނަ އަކީ ޙަމާސް އިން މިކަމުގެ ބަދަލު އިސްރާޢީލްގެ ފަރާތުން ހިފާނެވާހަކަ އެވެ. ރިޝްޤް އިތުރަށް ހާމަކުރި ގޮތުގައި 1989ން ފެށިގެން މަބްހޫ ދިރިއުޅެމުން އައިސްފައި ވަނީ ސޫރިޔާގަ އެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ ދުބާއީ އަށް އައިތާ އެއް ދުވަސް ފަހުންނެވެ. މިކަމުން ދޭހަވަނީ އިސްރާޢީލްގެ އެޖެންޓުން ޙަމާސްގެ ވެރިންނަށް ފާރަލަމުންދާކަމެވެ.. ދުބާއީގެ ކަމާބެހޭ ފަރާތްތަކުން އަންގާގޮތުގައި މިކަންކުރި މީހުން މިހާރު ވަނީ އެ ޤައުމުދޫކޮށް ފުރައިގެން ގޮސްފަ އެވެ.އިސްރާޢީލުން މިކަން ކޮށްފައިވާ ގޮތް އިތުރަށް ހާމަކުރެވެން ނެތް ކަމުގައި ޙަމާސްގެ އޮފިޝަލް ރިޝްޤު ވަނީ ބުނެފަ އެވެ. މިދިޔަ ހުކުރު ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި މަބްހޫ ވަނީ ވަޅުލެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ