ލަންކާ ރޯޔަލް އިންސްޓިޓިއުޓް ސްކޫލް ކަލާސް އެވޯޑުގެ އެންމެ ޝަރަފުވެރި ވަނަ ދީމާއަށް!

ސްރީލަންކާގެ ރޯޔަލް އިންސްޓިޓިއުޓް އިންޓަނޭޝަނަލް ސްކޫލް ކަލާސް އެވޯޑް، އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑުގެ އިތުރުން އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ އަވޯޑު ރާއްޖޭގެ ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ. ޓީޓީގައި ފިޔަ ޖަހަމުން އަންނަ ދީމާއަކީ ރާއްޖޭގެ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ކާމިޔާބީ ހޯދައިފައިވާ ކުޅުންތެރިއެވެ. ސްވިޑެންގެ ހެލްމްސްޓަޑްގައި މިއަހަރު އޭޕްރީލް މަހު ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައިވެސް ދީމާ ވާދަކޮށްފައިވާ އިރު، މުޅި ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ޒުވާން ކުޅުންތެރިއަކަށްވީ އޭނައެވެ. ދީމާގެ އުމުރަކީ އެންމެ 10 އަހަރެވެ. ދީމާ ފުރަތަމަ ވިދާލީ އޭނާގެ އުމުރުން އަށް އަހަރުގައި މެލޭޝިޔާގެ ޓީޓީ މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްރީލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަންވެސް ހޯދައިފިއެވެ. އެ މުބާރާތުގެ ރަން ވަނައާއެކު ދީމާއަށް ވަނީ ލަންކާއިން އެގައުމުގެ ރަށްވެހިކަން ދީ، ގައުމީ ޓީމަށް ކުޅުމަށްވެސް ދައުވަތު ދީފައެވެ. ނަމަވެސް ދީމާގެ އާއިލާއިން ހިޔާރުކުރީ ދިވެހިރާއްޖެ ތަމްސީލު ކުރުމަށެވެ. ރާއްޖޭގެ އެންމެ ޖޫނިއާ ކުޅުންތެރިޔާ ދީމާ --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން ރާއްޖޭގެ ގައުމީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ދީމާ ވަނީ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި 16 އަހަރުން ދަށުގެ ފައިނަލުގައި ކުޅެފައެވެ. ދާދި ފަހުން ރާއްޖޭގައި ބޭއްވި ސަރަހައްދީ ލެވެލްގެ ފުރަތަމަ ޓޭބަލް ޓެނިސް މުބާރާތް، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑެޓް ޓީޓީ ޗެމްޕިއަންޝިޕްގެ އަންހެން ހޯޕްސް ކެޓަގަރީ ސިލްވާ މެޑަލްވެސް ދީމާ ވަނީ ހޯދައިފައެވެ. ދީމާގެ ކާމިޔާބީއާ ގުޅިގެން ޓީޓީ އެސޯސިއޭޝަންގެ ފަރާތުން، ރައީސް އިސްމާއީލް ސުޖާއު ވިދާޅުވީ ދީމާގެ ކާމިޔާބީއަށް ފަހުރުވެރިވާ ކަމަށާއި، ޒުވާން ކުޅުންތެރިންގެ ކާމިޔާބީތަކުން މުސްތަގުބަލަށް މުހިއްމު ކަންތައްތަކެއް ދައްކުވައިދޭ ކަމަށެވެ. "އެސޯސިއޭޝަނުން ވަރަށް ބޮޑަށް އުފާ ކުރަން، ފަހުރުވެރިވާ ކާމިޔާބީއެއް ދީމާ ހޯދީ. އެއީ ދީމާ ގަދައަޅާ ކުރާ މަސައްކަތް. ފެށުނީއްސުރެ އެއް ވާނެއްގައި ދީމާ އަންނަނީ ކާމިޔާބީތައް ދަމަހައްޓަމުން. ހާއްސަކޮށް އޭނާ އަކީ ރާއްޖޭގެ ގައުމީ ޓީމުގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ. އެސޯސިއޭޝަންގެ އިތުރުން ރާއްޖޭގެ ކުޅިވަރަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް،" ސުޖާއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ