އަޅުގަނޑަށް ތާއީދު ކުރައްވާ ނަމަ ޔާމީނަށް ވޯޓުދެއްވާ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އަށް ތާއީދު ކުރައްވާ ނަމަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރައްވާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަށް ވޯޓް ދެއްވުމަށް ރައީސް މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.
ށ. ފުނަދޫގައި ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ހުރިހާ ބޭފުޅުން ވެސް ޔާމީނަށާއި ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި އެމަނިކުފާނަށް ސަޕޯޓްކުރައްވާ ނަމަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ދެ ބޭފުޅުންނަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ތާއީދުކުރައްވާ ފަރާތްތަކުން ޔާމީން އަށް ވޯޓްދެއްވާ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ދެ ބޭފުޅުންނަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވަނީ އެއީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވުމުން އެކަނި ނޫން ކަމަށާއި އެ ދެ ބޭފުޅުންނަކީ ތަޖުރިބާ ހުރި ގާބިލު ދެ ބޭފުޅުން ކަމަށް ވުމުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ވޯޓް އޮތީ ދެ ގޮތަކަށް ކަމަށާއި އެއީ ފަނާ ކުރުނެވި ގޮތާއި ކުރިއަށް ދިއުމުގެ ގޮތް ކަމަށެވެ. އަދި ގައުމަށް ޓަކައި ހިޔާރު ކުރަން ޖެހޭނީ ރަނގަޅު ގޮތް ކަމަށާއި އެއީ ޕީޕީއެމް ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީ އަށް ރައްދުވާގޮތަށް އެމަނިކުފާނު ވިދާޅުވީ ވެރިކަން ކުރަން ނޭނގޭ ބަޔަކަށް ވޯޓު ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި އެއީ ބޭކާރު ވޯޓެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެދުނީ ގައުމަށް ޓަކައި ކަމަށާއި އެ ޕާޓީ އިން ކޮންމެ ކަމެއް ކުރާނީ ވެސް ގައުމަށްޓަކައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ