ދިވެހިންގެ އެހީތެރިކަމާއެކު ޣައްޒާގެ 100 ގެއަކަށް ކަރަންޓުގެ ޚިދުމަތް

ދިވެހިންގެ އިސްނެގުމާއި، ދީލަތި އެހީއާއެކު ފަލަސްޠީނުގެ ޢައްޒާގެ 100 ގެއަކަށް ކަރަންޓު ގެ ޙިދުމަތް ފޯރުކޮށްދީފިއެވެ.
މިއީ، "ޣައްޒާ އަށް، ލޯތްބާއިއެކު"، މި ނަމުގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ކުރިއަށްގެންދާ ޙަރަކާތުގެ ދަށުން، ޣައްޒާ ރައްޔިތުންނަށް ކަރަންޓު ގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
ޣައްޒާއަށް ކަރަންޓު ގެ ޚިދުމަތް ލިބެނީ ދުވާލަކު އެންމެ 4 ގަޑިއިރަށްކަމަށްވާއިރު، އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ މި ޕްރޮޖެކްޓް ގެ ސަބަބުން ކަރަންޓު ގެ ޚިދުމަތް 10 ގަޑިއަރަށް އިތުރުކުރެވޭނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ މި ޕްރޮޖެކްޓް ގެ ސަބަބުން ޣައްޒާ ރައްޔިތުން ގެ ތެރެއިން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަނީ ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.
"ޣައްޒާ އަށް، ލޯތްބާއިއެކު" ޙަރަކާތުން ދިވެހިން އެހީގެ ގޮތުގައި ހަދިޔާ ކުރި ފައިސާއިން، ރަމަޟާން މަހު ޣައްޒާ ގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޢައްޒާ ގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް އެއް ހާސް ދުއިސައްތަ ފަންސާސް (1250)ޢާއިލާއަށް މުޅި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެތި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން ޖަމްޢިއްޔާއިން ފޯރުކޮށްދިނެވެ. އަދި އެ ޤައުމުގައި ހނގަމުންދާ ހަނގުރާމައިގެ ސަބަބުން ސާފު ބޯ ފެނަށްޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ފެން ރައްކާކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަށްވެސް މި ކެމްޕޭނުގެ ދަށުން އެހީތެރިވިކަން ފާހަގަކޮށްލެވެއެވެ. "ޣައްޒާ އަށް، ލޯތްބާއިއެކު" ނަމުގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން ޖަމްޢިއްޔާއިން ހިންގި ޙަރަކާތުގެ އެހީގައި ޣައްޒާ ގެ 125 ޢާއިލާއަށް 250 ލީޓަރު ގެ ފެން ތާނގީ ފޯރުކޮށްދިނެވެ. ޣައްޒާއަށް ކަރަންޓު ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން މިވަގުތު ކުރިޔަށްދަނީ ޣައްޒާ ގެ ގެތަކުގައި އިލެކްޓްރިކް ލައިޓިންގް ސެޓް އަޕް ސިސްޓަމްތަކެއް ހަރުކުރުމުގެ މަސައްކަތެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވާން ބޭނުންވާ ދިވެހިންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. ފަލަސްޠީނުގެ ޣައްޒާ އަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ އެހީ ގެ ޙަރަކާތްތައް ނިމުމަކަށް އައިކަމުގައިވީ ނަމަވެސް، މި ޙަރަކާތްތައް އިންތިޒާމުކުރާ ދިވެހި ޖަމްޢިއްޔާއިން ގެންދަނީ ކައިރި މުސްތަޤުބަލެއްގައި މުސްލިމް އިތުރު ޤައުމު ތަކަށާއި ޞަރަޙައްދުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ އިތުރު ޙަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މި ޖަމްޢިއްޔާ މެދުވެރިކޮށް، މިފަދަ ކަންކަމުގައި އެހީ ފޯރުކޮށްދޭން ބޭނުންވާ ދިވެހިންނަށް ރަނގަޅު ފުރުޞަތުތައް ތަނަވަސްވެގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ