މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ އަހްމަދު މުއްރަތާއި މުހައްމަދު ނަބީލްގެ މައްޗަށް އިއްވާ ހުކުމް ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ޝަރީއަތް މިހަފުތާގައިި ފަށަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ކަށަވަރުކުރުމަށް އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުންނެވެ. ދައުލަތުން މި ދެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި މި ދެ ގާތިލުންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާތީ އެވެ.
ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލުމުގެ ކުށުގައި މ. މަސްރޫރާ، އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 19 ޖުލައި 2012 ގައެވެ. ސ. ހުޅުދޫ ލިލީމާގޭ، އަބްދުﷲ ފަރުހާދު 2008 ވަަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަރާލުމުގައި ކުށުގައި ގ. ރީފް، މުހައްމަދު ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު 2010 ގައެވެ.
މި ދެ މީހުން މެރުމަށް ކްރިމަނަލް ކޯޓުން ކުރި ހުކުމަށް މިދިޔަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެެވެ.
މުއްރަތުގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާއިރު ނަބީލްގެ ޝަރީއަތް ފެށުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހު އެވެ.
މި ދެ މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމުން ސަލާމަތްވެވޭނެ ޝަރުއީ އެންމެ ފަހު މަރުހަލާއަކީ ސުޕްރީމް ކޯޓުގެ މަރުހަލާ އެވެ. ސުޕްރީމް ކޯޓްގައި މި ދެ މީހުންނަށް ކާމިޔާބު ނުލިބިއްޖެނަމަ މަރުގެ އަދަބުން މި ދެ މީހުންނަށް ސަލާމަތްވެވޭނީ މަރުވި މީހުންގެ ވާރިސުން މި ދެ މީހުންނަށް ލުއި ދިނުމަށް އެއްބަސްވާނަމަ އެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވި މީހަކަށް އިއްވައިފިނަމަ އެކުށަށް ލުއިދީ ނުވަތަ މައާފްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ.
ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ކުށް ސާބިތުވެފައިވާތީ ހ. ލޮބީ، ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިލްތިމާސް މައްސަލައިގެ އަޑުއެހުންތައް ވެސް އިއްޔެ ވަނީ ފަށާފަ އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަަނަ އަހަރު އެވެ.
މުއްރަތާއި ނަބީލްގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ