ސުޕްރީމް އަމުރާ ގުޅިގެން ކޮމަން ވެލްތުން ކަންބޮޑުވުން ފާޅުކޮށްފި

އިންތިހާބު ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރުމުން ކޮމަން ވެލްތުން އެކަމާމެދު ކަނބޮޑުވުން ފާޅުކޮށްފި އެވެ.
ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޮނާލްޑް މެކިނަން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަތެއް ސެޕްޓެމްބަރު ދިވެހިން ވޯޓުލީ ވަރަށް އުންމީދާއެކުގައި ކަމަށާއި ރާއްޖެއާއި ބައިނަލް އަގްވާމީ އޮބްޒާވަރުން ބުނެފައިވަނީ އިންތިހާބުގެ ފުރަތަމަ ބުރަކީ މައްސަލަ ކުޑަ އިންސާފުވެރި އިންތިހާބެއް ކަމަށެވެ. އަދި ބައިނަލް އަގްވާމީ އޮބްޒާވަރުންނަކީ ކުޅަދާނަ، ކަމަށް ގާބިލް އޮބްޒާވަރުން ކަމަށެވެ.
"އިންތިހާބު ފަސްކުރަން އަންގާފައިވާތީ ކަންބޮޑުވޭ، އެއްވެސް އިންތިހާބަކީ އެންމެ ފުރިހަމަކޮށް ކުރިއަށް ދާނޭ އިންތިހާބެއް ނޫން. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި މަކަރާއި އޮޅުވާލުން ހަދާފައިވާ ކަމުގެ ހެއްކެއްވެސް ހުރީކީ ނޫން. އަދި ވޯޓްގެ ނަތީޖާއަށް ބަދަލު ގެނެވޭފަދަ ބޮޑު ފަރަގެއް ރަޖިސްޓްރީގައި ވެސް އޮތީކީ ނޫން،" ޑޮނަލްޑް މެކިނަންގެ ބަޔާނުގައި ވެއެވެ.
މެކިނަން އިތުރަށް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ 28 ސެޕްޓެމްބަރުގެ ކުރިން ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޑިލޭ ކުރުމެއްނެތި އިންތިހާބު ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބަޔާން ނިންމާލަމުން މެކިނަން ވިދާޅުވެފައިވަނީ ކުރިން ވެސް ވިދާޅުވި ފަދައިން އިންތިހާބުގައި ކާމިޔާބީ ލިބޭ ބަޔަކަށް ވާންވާނީ ދިވެހި ރައްޔިތުން ކަމަށާއި ދިވެހި ރާއްޖެއަކީ ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓަން އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަށް ގަދަރު ކުރުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށާއި އިންތިހާބުން ނިކުންނަ ނަތީޖާ ވާންވާނީ ގިނަ ރައްޔިތުން އެދޭ ނަތީޖާ ކަމަށް ކޮމަންވެލްތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ