އަރަބިއްޔާ އެސެމްބްލީގައި ސްކޫލް ލަވަ ކިޔަން ފަށައިފި

އަރަބިއްޔާ ސްކޫލުގެ އެސެމްބްލީގައި ސްކޫލް ލަވަ ކިޔާ ގޮތަށް ހަމަޖައްސައި މިއަދު ފުރަތަމަ ފަހަރަށް ސްކޫލު ލަވަ ކިޔައިފި އެވެ. އަރަބި އިސްލާމީ ތައުލީމަށް ކިޔަވައިދޭތާ 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެ ސްކޫލުގައި މީގެ ކުރިން އެއްވެސް ބަހަކުން ލަަވައެއް ނުކިޔަ އެވެ. އެކަމަކު މިއަދު އެ ސްކޫލު އެސެމްބްލީގައި ކިޔައިފައި ވަނީ ދިވެހި ބަހުން ހަދާފައިވާ އެ ސްކޫލްގެ އާ ލަވަ އެވެ. މި ލަވައިގައި އެެއްވެސް ވަރަކަށް މިއުޒިކެއް ނުހިމެނެ އެވެ. ލަވައިގެ ޅެން ހަދާފައިވަނީ ސްކޫލުގެ ތަސައްވުރާއި ލަނޑުދަނޑިތަކާއި ދަރިވަރުންގެ ޝުއޫރުތަކުގެ މައްޗަށެވެ. އަރަބިއްޔާ ސްކޫލު: އެ ސްކޫލުގެ ދަށް ގްރޭޑްތަކުގައި މި އަހަރު ކިޔަވައިދެނީ ދެ ޖިންސް އެއްކޮށްލައިގެން-- ހަވީރު ފޮޓޯ: ނިޝާން އަލީ "މިއީ ދިވެހިން އާއްމުކޮށް މިކިޔާ ލަވައެއް ނޫން. މިއީ ހަމަ ކުދިންގެ ޝުއޫރުތަކާއި ސްކޫލުގެ މިޝަންތައް އަންގައިދިނުމަށް ހަދާފައިވާ ޅެން ބައިތުތަކެއް،" ސްކޫލުގެ ޑެޕިއުޓީ ޕްރިންސިލް އަލީ ޟޯމިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެސެމްބްލީގައި ލަވަ ކިޔާ ގޮތަށް ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އަރަބިއްޔާ ސްކޫލުގެ އެސެމްބްލީގައި ލަވަ ނުކީ ނަމަވެސް ބައެއް ހަފުލާތަކުގައި ކިޔަން ވަކި ހާއްސަ ލަވައެއް އޮވެ އެވެ. ޟޯމިރު ވިދާޅުވީ ގައުމީ ސަލާމް ވެސް މީގެ ކުރިން އެ ސްކޫލުގައި ނުކިޔާ ކަމަށާއި އެހެންވެ، ގިނަ ކުދިންނަށް އެ ލަވަ ނުވެސް އެނގޭ ކަމަށެވެ. އެކަމަކު ގައުމީ ޝުއޫރު އުފެއްދުމަށް، ގައުމުގެ ޝަރަފާއި މަތިވެރިކަން އަދި ގައުމީ ދިދަ އާއި އޭގައިވާ ކުލަތަކާއި މާނަ އެނގުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކުރިއަށް އޮތްތަނުގައި އެސެމްބްލީގައި ގައުމީ ސަލާމް ކިޔާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަރަބިއްޔާ ސްކޫލުގެ ކުދިންތަކެއް މިއަދު އެސެމްބްލީގައި: ނިޝާން އަލީ "އެ ކުދިންގެ ޝުއޫރު ފާޅުކޮށްލަން ލިބުނީތީ ވަރަށް އުފާވެފައި ތިބީ. މިއީ އިލްމީ އަދި ގައުމީ ކަމެއް،" ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ. މިކަމާ ގުޅޭގޮތުން "ހަވީރު"ން ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ވެސް ގަބޫލު ކުރީ މިއީ ރަނގަޅު ބަދަލެއް ކަމަށެެވެ. ބައެއް ބެލެނިވެރިން ބުނީ ސްކޫލު ފެށުމުގެ ކުރިން، އެ ސްކޫލުގެ ތަސައްވުރާއި އަޒުމުތަކާ ގުޅޭ ގޮތުން ހަނދާންކޮށްދީ، ސްކޫލަށް އޮންނަ ލޯބި އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ