ބަޖެޓް ކުޑަކުރަނީ ރިޔާސީ ކެނޑިޑޭޓުން ކޮމެޓީގައި ތިއްބަވައިގެން ދަތިކުރަން

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައަޅާފައިވާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 14.5 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރަށް އަންގަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ބެލެވޭ ބޭފުޅުން ކޮމެޓީގައި ތިއްބަވައިގެން ސަރުކާރަށާއި ރައްޔިތުންނަށް ފިއްތުންތަށް ކުރިމަތި ކުރެއްވުމަށްކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ބޭއްވި ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ބަޖެޓުން ބޮޑު އަދަދެއް އުނިކޮށްފައިވާތީ ނުރުހުން ފާޅުކުރައްވާފައެވެ. ޕީޕީއެމްގެ މެމްބަރުންނަށާއި އެމްޑީޕީގެ މެމްބަރުންނަށް ރިޔާޒް ފާޑުވިދާލުވެފައިވެއެވެ.
އެގޮތުން މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށާއި އެހެންކަމުން ސަރުކާރުން ރައްޔިތުންނަށް ކަންތައްތައްކޮށްދީ ފަސޭހަތަކެއް ވެދާނެތީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ކޮށާމަށާލީ ކަމަށެވެ.
"ކޮމެޓީއަކުނެތް ސަރުކާރު ތަމްސިލުކުރައްވާނެ މެމްބަރެއް، މިކޮމެޓިގައި މިތިބީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާބޭފުޅުންނާއި ސަރުކާރަށާއި ރައްޔިތުންނަށް ފިއްތުންތައް ކުރިމަތި ކުރަން ބޭނުންވާ މެމްބަރުން،" ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސީމް އިބްރާހިމް އަށާއި އެމްޑީޕީ މެމްބަރުންނަށާއި ޕީޕީއެމްގެ މެމްބަރުންނަށް އިޝާރާތްކުރައްވާ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވިއެވެ.
ބަޖެޓްކޮމެޓީގެ މުޤައްރިރު ޤާސިމް އިބްރާހީމާއި އެކޮމެޓީގެ މެމްބަރު އަބްދުﷲ ޔާމީނަކީވެސް ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެކަމަށް ބެލެވޭ ދެބޭފުޅުންނެވެ.
މެމްބަރު ރިޔާޒު ރަޝީދުގެ ވާހަކައަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ޕީޕީއެމްއިން ރައްޔިތުންނަށްވެސް އަދި ސަރުކާރަށްވެސް ޖެއްސުމެއް ނުކުރައްވާކަމަށާއި ބަޖެޓް އެގޮތަށް ފާސްކުރަން ކޮމެޓީން ނިންމާފައިއެވަނީ ދައުލަތަށް ފައިދާހުރި ގޮތަށްކަމަށެވެ. އަދި އެމްއެމްގެ ގަވަރުނަރު ދެއްވާފައިވާ އިރުޝާދަށުން ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ޖެއްސުމެއް ނުކުރަން، އަދި ސަރުކާރަކަށްވެސް ޖެއްސުމެއް ނުކުރަން، އަޅުގަނޑުމެން ބަޖެޓް އެގޮތަށް ފާސްކުރީ ދައުލަތަށް އެންމެފައިދާވާގޮތަށް،" މެމްބަރު ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ