އައްޑޫ ސްޓޭޑިއަމަކީ ވަރަށް ފުރިހަމަ ސްޓޭޑިއަމެއް: މައުމޫން
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަކީ ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ވަރަށް ފުރިހަމަ ސްޓޭޑިއަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީކޮށް، "އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް" ގެ ނަމުގައި ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން މައުމޫން ވިދާޅުވީ މި ސްޓޭޑިއަމްވެގެން ދާނީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ އަށް އަދި ހާއްސަކޮށް އައްޑު އަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ތަނަކަށް ކަމަށެވެ. "ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ވަރަށް ފުރިހަމަ ސްޓޭޑިއަމެއް. ވަރަށް ރީތިކޮށް ހެދިފައިވާ ސްޓޭޑިއަމެއް. އަދި ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ތަނެއް. އެހާ ފުރިހަމަކޮށް މިތަން ޑިޒައިން ކުރެވި އަމަލީ ސިފަ ގެނެވުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް މިކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންވަނަން،" ޕީޕީއެމްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި މައުމޫން ވިދާޅުވި އެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އިބްރާހީމް ރަޝީދު ވަޖުދީ މައުމޫން އިތުރަށް ވިދާޅުވީ ހިތަދޫ ސްޓޭޑިއަމަކީ އެ މަނިކުފާނުގެ ވެރިކަމުގައި 1997 ގައި ތަރައްގީ ކުރަން ފަށައި 2001 ގައި ހުޅުވި ސްޓޭޑިއަމެއް ކަމަށެވެ. އަދި އޭރު އެތަން ތަރައްގީ ކުރެވުނީ އެ ދުވަސްވަރަށް އެންމެ ކަމުދާ ގޮތަށް ކަމަށް ވިދާޅުވި އެވެ. އަދި އޭރު ވެސް މިހާރު ވެސް ސްޓޭޑިއަމް ތަރައްގީވެގެން ދިއުމަކީ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ. "މިއީ އަޅުގަނޑު ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުރި އިރު ހިންގި ޕްރޮޖެކްޓެއް. އެހެން ނަމަވެސް އޭރު ކަންތައްތައް ކުރެވިފައި ވަނީ އެ ޒަމާނުގެ ފެންވަރަށް. އޭރާއި މިހާރާ ވަރަށް ތަފާތު. މިހާރު އަޅުގަނޑުމެން މި ތިބީ ބޭރު ދުނިޔެ އަށް ނުކުމެފައި،" މައުމޫން ވިދާޅުވި އެވެ. "ބޭރު ދުނިޔޭގެ ފެންވަރުގައި ކަންތައްތައް ކުރާ ގައުމަކަށްވެފައި އަދި ބޭއްވޭ މުބާރާތްތައް ވެސް ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ތަނަކަށް ރާއްޖެ ހަދަން ބޭނުންވެފައި. އެހެންވީމާ މި ފަހަރު މި ސްޓޭޑިއަމް ތަރައްގީ ކުރެވިފައި މި ވަނީ ވަރަށް ހާއްސަ ގޮތަކަށް، ވަރަށް ފުރިހަމަ އަށް. އޭއެފްސީންނާއި އަދި އެ ނޫން ފަރާތްތަކުން ވެސް ބުނާ ޝަރުތުތައް ހަމަވާ ގޮތުގެ މަތިން. މިއީ ވަރަށް ބޮޑު މަސައްކަތެއް." އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި މައުމޫނާއި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިބްރާހީމް ރަޝީދު ވަޖުދީ މައުމޫން ވިދާޅުވީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ހުޅުވިގެން ދިއުމަކީ ކުޅިވަރު ކުޅޭ މީހުން ހާއްސަކޮށް، ފުޓްބޯޅަ ކުޅޭ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "މިއާ ރާއްޖޭގެ ކުޅިވަރަށް ވަރަށް ފައިދާ ކުރާނެ އަދި ހާއްސަކޮށް އައްޑޫ ސިޓީގެ ޒުވާނުންނަށް ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިދޭނޭ ދަނޑެއް،" މައުމޫން ވިދާޅުވި އެވެ. ރޭގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ހިތަދޫ ޒޯން ސްޓޭޑިއަމް "އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް" ގެ ނަމުގައި އަލުން ރިބްރޭންޑްވެގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމުގެ މަތިން ކަމަށެވެ. އަދި މުޅި ރާއްޖެ އަށް ކުޅިވަރު ފެތުރިގެން ދިޔައީ މައުމޫންގެ ވެރިކަމުގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މަލީހް ރޭ ވަނީ ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިން ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ. "މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު އަމީން ކޮންސްޓްރަކްޝަން މިއީ ގައުމީ ކަމެއްގެ ގޮތުގައި ބައްލަވާ ވަރަށް ބާރު މިނުގައި އަވަސް މިނުގައި އެ ލިބުނު ވަގުތުގެ ބޭނުން ހިފައި މި ޕްރޮޖެކްޓް ވަރަށް ކާމިޔާބުކަމާ އެކީ ނިންމާލި ކަމަށްޓަކައި ސަރުކާރުގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް.-- ފޮޓޯ: އިބްރާހީމް ރަޝީދު ވަޖުދީ މަލީހް ވިދާޅުވީ މިފަދަ ސްޓޭޑިއަމްތައް ތަރައްގީ ކުރުމުގެ ބޭނުމަކީ ދިވެހި ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހުޅުވާލުން ކަމަށެވެ. އަދި އެކަން ސަރުކާރުން ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ސްޓޭޑިއަމްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިގުތިސާދީ ގޮތުން ވެސް އައްޑު އަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ. މިނިސްޓަރު ސިފަ ކުރެއްވި ގޮތުގައި މިއީ ސްޕޯޓްސް ޓޫރިޒަމް ރާއްޖެ އަށް ފެށުމެވެ. އަދި މިއީ ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތައް ބޭއްވާ މަންޒިލެއްގެ ގޮތުގައި އައްޑޫ ދުނިޔޭގެ ޗާޓްގައި ކުރެހިގެން ދިޔަ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ