ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އީޔޫއިން ގޮވާލައިފި

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ޔޫރަޕިއަން ޔޫނިއަންއިން ގޮވާލައިފިއެވެ.
އީޔޫއިން މިގޮތަށް ގޮވާލާފައިވަނީ ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ބަރނާޑް ސެވޭޖް ޒިންހުއާ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ބާރނާޑް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވުމަކީ އީޔޫއިން އެދޭ ގޮތް ކަމަށާއި އީޔޫގެ އިސްފަރާތްތައް މެދުވެރިކޮށް އެކަންތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން ބާރނާޑް ވިދާޅުވެފައިވަނީ ވެރިކަން ބަދަލުވުމުގެ ހާދިސާ ތަހުގީގު ކުރުމަށް އެކުލަވާލި ކޯނީގެ ރިޕޯޓަށް ހުރިހާ ޕާޓީތަކެއްގެ ތާއިދު ލިބުނު ނަމަވެސް މިހާރު އެރިޕޯޓާއި މެދު ހިޔާލު ތަފާތުވާ ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީޔޫގެ އިސްވަފުދެއްވަނީ މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ކޯނީގެ ރިޕޯޓާއި މެދު ހިޔާލު ތަފާތުވާ ކަމަށް ބާރނާޑް ސެވޭޖް ވިދާޅުވެފައިވާ އިރު އެރިޕޯޓު ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ކުރިއަށް ގެންދިޔަ މަސައްކަތްތަކުން ހާދިސާތަކާއި ގުޅުން ހުރި ބައެއް ފަރާތްތަކުގެ ބަޔާންތަކަށް ރިއާޔަތްކޮށްފައި ނުވާކަން ހާމަވާ ކަމަށް އެކޮމެޓީންވަނީ ބުނެފައެވެ. ފެބްރުއަރީ ހަތެއްގައި ވެރިކަން ބަދަލުވި އިރު ސަލާމަތީ ބާރުތަކުގެ މަތީ ފަންތީގައި ތިއްބެވި ބައެއް އޮފިސަރުންވަނީ އެއީ ބަޣާވާތެއް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ