ގަވާއިދަށް އަމަލުކުރަން ފެށުމުން މަރުގެ އަދަބަށް ރައީސަށް ލުޔެއް ނުދެވޭނެ: އުމަރު

މަރުގެ ހުކުމް އަންނަ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށް ދިނުމުގެ ބާރު ރައީސަށް އޮތް ނަމަވެސް މިއަދު އަމަލުކުރަން ފެށި މަރުގެ އަދަބާ ގުޅޭ ގަވާއިދާ ގުޅިގެން އެގޮތަށް ރައީސަށް މައާފް ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ބުނާގޮތުން މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވައިފި ނަމަ ނުވަތަ ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ މަރުގެ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމުގެ ބާރު ރައީސަށް އޮވެ އެވެ. ގާނޫނުގެ އެ މާއްދާ ބާތިލްކުރަން އަމިއްލަ ފަރާތަކުން ހައި ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ މިހާތަނަށް ނުނިންމަ އެވެ. މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ގަވާއިދަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހަވީރު"ން ކުރި ސުވާލެއްގައި ޖަވާބުގައި މިނިސްޓަރު އުމަރު ވިދާޅުވީ މަރުވި މީހާގެ ހުރިހާ ވާރިސުން އެދޭ ނަމަ މަރުގެ އަދަބު ތަންފީޒު ކުރެވޭނެ ކަމަށެވެ. އަދި ގަވާއިދުގައި ބުނާ އިޖްރާއަތު ފުރިހަމަކޮށްފައިވާ ނަމަ މަރުގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް ލިބިދެވޭ ގޮތަށް ގާނޫނުގައި އޮންނަ މާއްދާ އަށް އަމަލު ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. "މި ގަވާއިދުގެ ދަށުން އެ މާއްދާ ހުއްޓިފައި އޮންނާނީ. މި އަދަބަށް ހުއްޓިފައި އޮންނާނީ. މިއީ އަދި ގަސްދުގައި މީހުން މެރުމުގެ އަދަބު ވާހަކަ. އަދި މި ހުރިހާ އިޖްރައާތުތައް ފުރިހަމަ ނުވާ މައްސަލަތަކެއް ވެސް ހުރެދާނެ. އެފަދަ މައްސަލަތަކުގައި ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުގެ އެ މާއްދާ ބޭނުން ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ. މީހުން މެރުމުގެ ކުށްތަކުގެ އިތުރުން އެހެން ބައެއް ކުށްތަކަށް ވެސް ރާއްޖޭގައި މަރުގެ އަދަބު ދެވެ އެވެ. އެކަމާ ގުޅިގެން "ހަވީރު"ން ސުވާލު ކުރުމުން އުމަރު ވިދާޅުވީ މީހުން މެރުމުގެ ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި މަރުގެ އަދަބު އައި ނަމަވެސް މިއަދު އަމަލުކުރަން ފެށި ގަވާއިދުގައި ބުނާ އުސޫލުތަކެއް އެ މައްސަލަތަކުގައި ނުހިނގާނެ ކަމަށެވެ. "އެހެން މައްސަލަތަކަށް އެޕްލައިއެއް ނުވާނެ އިނގޭތޯ. މިއީ ހަމަ ގަސްދުގައި މީހުން މެރުމުގެ ކުށްތަކަށް އިނގޭތޯ. ސްޓްރިކްޓްލީ އެއީ މި ކުށަކީ." އުމަރު ވިދާޅުވި އެވެ. ރާއްޖޭގައި ގާނޫނުތައް ބުނާގޮތުން މީހުން މެރުމުގެ ކުށްތަކުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ނުވަތަ ރައީސްގެ ފުރާނަފުޅަށް ގެއްލުމެއް ދީފި ނަމަ ނުވަތަ ދައުލަތާ ދެކޮޅަށް ބަޣާވާތްކޮށްފި ނަމަ މަރުގެ އަދަބު ދެވިދާނެ އެވެ. އެގޮތަށް ގާނޫނުގައި އޮތް ނަމަވެސް ރާއްޖޭގައި ފަހުގެ ތާރީޚުގައި މަރުގެ ހުކުމް އައިސްފައިވަނީ މީހުން މެރުމުގެ ކުށްތަކުގައި އެކަންޏެވެ. މަރުގެ ހުކުމް އައިސްފައިވާ 18 މީހަކު މިހާރު ވެސް ރާއްޖޭގައި އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ