މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް 148 ރަށެއްގައި ބާއްވާ ގޮތަށް އެޕާޓީން ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ އިންތިހާބާބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލު ވިދާޅުވީ، 172 ވޯޓްފޮށި އަތޮޅު ތެރޭގައި ބަހައްޓާނެ ކަމަށައި ޕާޓީގެ 18 މެންބަރުންނަށްވުރެ މެންބަރުން މަދުވުމުގެ ސަބަބުން 33 ރަށެއްގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"މާލޭގައި އުޅޭ އަތޮޅު ތެރޭގެ ރަށްޔިތުންނަށް ވޯޓުލުމަށްޓަކައި ދެ ފޮއްޓެއް އަޅުގަނޑުމެން ބަހައްޓާނަން. ދެން މާލޭގެ ކޮންމެ އަވަށެއްގައި މާލޭގެ މެންބަރުންނަށް ވޯޓްލެވޭ ގޮތަށް ވޮޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިއޮތީ. އަދި ދަފުތަރުގައި ތިބި މީހުންނަށްވެސް އެއް ފޮށި ބެހެއްޓޭނެ" ތޮލާލު ވިދާޅުވި އެވެ.
މިއަދުގެ 5:00 ޖެހުމާއި ހަމައަށް ދިރިއުޅޭ ރަށް ނޫން އެހެން ރަށް ރަށުގައި ހުރެ ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ކިހާ މީހުނެއްތޯ ސުވާލު ކުރުމުން ތޮލާލު ވިދާޅުވީ، އެ އަދަދު ސާފުވާނީ އަތޮޅު ތެރޭގައި ހުރި ފޯމްތައް ލިބުމުން ކަމަށެވެ.
ނަމަވެސް މިހާތަނަށް ޕީޕީއެމްގެ މާލޭ އޮފީހަށް ހާހަކަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށް ތޮލާލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރިޔާސީ ޕްރައިމެރީގެ ވޯޓުލުން ކުރިއަށްދާ ގޮތް އޮބުޒާވް ކުރުމަށް މިހަފުތާތެރޭ މީޑިޔާތަކަށް ހުޅުވާލާނެ ކަމަށާއި އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ފަރާތުން އޮބުޒާވް ކުރާނެ ފަރާތްތައް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމަށް ޝަރުތު ހަމަވާ މެމްބަރުންގެ އަދަދަކީ ގާތްގަނޑަކަށް 28،900 ކަމަށް ޕިޕީއެމުން ބުންޏެވެ.
އޭގެ ތެރޭގައި އިލެކްޝަންސްގެ ދަފުތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ 22،383 މެމްބަރުންނާއި ދަފުތަރުގައި ނެތަސް، ޝަރުތު ހަމަވާ 6،500 މެމްބަރުން ހިމެނެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާން ބަހައްޓާނީ 148 ރަށެއްގައި 172 ފޮށި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ