މަލީޝާގެ ވެރިޔާގެ މައްޗަށް ކުރާ ދައުވާއާ މެދު ކޯޓުން ސުވާލު އުފައްދައިފި

ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން އަތުން އޮޅުވާލައިގެން ފައިސާ އަތުލި މައްސަލައިގައި މަލީޝާގެ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފް (މާލު)ގެ މައްޗަށް ދައުލަތުން ކުރާ ހިޔާނާތުގެ ދައުވާއާ މެދު ކޯޓުން ސުވާލު އުފައްދައި އެ ދައުވާއާ މެދު އަލުން ވިސްނައި، ގޮތެއް ނިންމުމަށް ދައުލަތަށް ތިން ދުވަހުގެ މުހުލަތެއް މިއަދު ދީފި އެވެ. އިސްމާއިލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ދައުވާ ހުށަހެޅުއްވުމާ އެކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދައުލަތުން ދައުވާ އުފުލާފައި ވަނީ އަތުގައި ބެހެއްޓުމަށް ހަވާލުކޮށްފައިވާ އަމާނާތަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ގާނޫނުލް އުގޫބާތުގެ 131 އާއި 132 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެހެންވެ މި ފައިސާއަކީ މީހެއްގެ އަތުގައި ބަހައްޓަން ހަވާލުކޮށްފައިވާ ފައިސާއެއްތޯ ނުވަތަ ވަކި ކަމެއް ކުރަން ދިން ފައިސާއެއްތޯ ގާޒީ ސުވާލުކުރެއްވި އެވެ. އަދި އެ ދައުވާ ފެތޭނީ 149 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށަށް ނޫންތޯ ވެސް ގާޒީ ސުވާލު އުފެއްދެވި އެވެ. އެ މާއްދާގައި ބުނަނީ މަކަރާއި ހީލަތް ހެދުމަކީ ޓެކުމަކަށް ނުހިިމެނޭ ގޮތަށް އަނެކާ އަށް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާ އަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭ ގޮތަށް ކުރާ ކޮންމެ ކަމެއް ކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ މަލީޝާ ގްރޫޕުން ބައެއްގެ އަތުން ފައިސާ ނެގުމަށް އެއްވެސް އިއުލާނެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށާއި މީހުން އެ ގްރޫޕާ ފައިސާ ހަވާލުކޮށްފައި ވަނީ އެކި ގޮތް ގޮތުން އެނގިގެން ކަމަށެވެ. ނަމަވެސް 100 އަށް ވުރެ ގިނަ މީހުންގެ ބަޔާނުގެ ތެރެއިން ބަޔާނަކަށް އިޝާރާތްކުރައްވައި ގާޒީ ވިދާޅުވީ ފައިސާ ހަވާލުކޮށްފައި ވަނީ މީހެއްގެ އަތުގައި ފައިސާ ބެހެއްޓުމަށް ނޫން ކަމަށާއި 1433 ވަނަ އަހަރުގެ ހައްޖަށް ދިއުމަށްކަން އެނގޭ ކަމަށެވެ. ވީމާ އެ ދައުވާ ޝަރީއަތުގައި ނިމޭ ގޮތަކުން އެ ކަމުގެ ޒިންމާ އުފުލަންޖެހޭނީ ކޯޓުން ކަމަށްވާ އިރު އެތައް ބައެއްގެ ހައްގު މި މައްސަލާގައި ހިމެނޭތީ ކުރާ ދައުވާއާ މެދު ވަކި ގޮތެއް ނިންމުމަށް ތިން ދުވަހުގެ މުއްދަތެއް ދައުލަށް ދޭ ކަމަށް ވިދާޅުވެ ގާޒީ ވަނީ އަޑުއެހުން ނިންމަވާލައްވައިފަ އެވެ. ހައްޖަށް ގެންދިއުމަށް ހުއްދަ ނުދެނީސް މަލީޝާ ޖަމާއަތުން ވަނީ 170 އަށް ވުރެ ގިނަ މީހުންގެ އަތުން 8.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިފަ އެވެ. ފައިސާ އަތުލުމަށް ފަހު އިސްމާއިލް ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އޭނާ ހައްޔަރުކުރީ ފިލައިގެން ލަންކާގައި އުޅެނިކޮށެވެ. ގާނޫނުލް އުގޫބާތު ބުނާގޮތުން ހިޔާނާތްތެރިވާ ފައިސާގެ އަދަދު ނުވަތަ މުދަލުގެ އަގު 10،000ރ. އިން ފެށިގެން މަތިވާނަމަ އިތުރުވާ ކޮންމެ 1،000ރ. އަށް އެއް މަސް ދުވަހުގެ އަދަބެއް އިތުރުވަމުންދާނެ އެވެ. އެހެންކަމުން އިސްމާއިލްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާ އުމުރަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ހުކުމްކުރެވޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ