ސިފައިން އަބްދުﷲ ގާޒީ ގެންދިޔައީ ގަދަކަމުން: އާއިލާ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދިރިއުޅުއްވާ ގެ އަށް ސިފައިން ވަދެގަނެ، ގާޒީ ހައްޔަރުކޮށްގެން ގެންދިޔައީ އޭނާގެ ނުރުހުމުގައި ގަދަކަމުން ކަން ސާބިތުކޮށްދޭން އޭނާގެ އާއިލާ އިން މިރޭ ކޯޓުގައި ހެކިބަސް ދީފި އެވެ. ގާނޫނާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި 22 ދުވަސް ވަންދެން ބެހެއްޓި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި، ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އޭނާގެ އަނބިކަނބަލުން އައިމިނަތު ޝަރީފް އާއި ފަހަރި ސޯބިރާ ޝަރީފް މި ރޭ ހެކިބަސް ދީފައިވެ އެވެ. އައިމިނަތު ޝަރީފް ވިދާޅުވި ގޮތުގައި ޖެނުއަރީ 16، 2012ގެ ރޭ ސިފައިން އެ ގެ އަށް ވަދެ އަބްދުﷲ ގާޒީ ގެންދަން އުޅުމުން އެ ގޮތަށް ނުގެންދިއުމަށް ސިފައިންނަށް އާދޭސް ކުރި އެވެ. އަދި އޭނާގެ ފިރިމީހާ ކައިރީގައި ހުއްޓާ ދެ މީހުން ދުރުކޮށްލީ ސިފައިން އެ ދެމީހުންގެ މެދަށް ވަދެގެން ކަމަށް ވިދާޅުވި އެވެ. އަދި ގެންދިއުމުގެ ތެރޭގައި އަބްދުﷲ ގާޒީގެ އެއް އަތަށް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށް އޭނާ ވަނީ ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފަ އެވެ. އައިމިނަތު ޝަރީފްގެ ކިބައިން ސާފުކުރަން ބޭނުންވާ މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ސުވާލު ކުރުމުގެ ފުރުސަތު ނަޝީދަށް ދެއްވުމުން އެ މަނިކުފާނު ވިދާޅުވީ އިއްޒަތްތެރި ފަނޑިޔާރެއްގެ އަނބިކަނބަލުންނަށްވާތީ އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. ސޯބިރާ ހެކިބަސް ދެމުން ވިދާޅުވީ އަބްދުﷲ ގާޒީ ގެންދަން އުޅުނު ވަގުތު ކޯޓު އަމުރެއް ހިފައިގެން އައުމަށް އަބްދުﷲ ގާޒީ ވިދާޅުވެގެން ސިފައިން ގާތު ބުނި އަޑު އިވުނު ކަމަށެވެ. މޫނު ނިވާކޮށްގެން ތިބި ސިފައިންގެ ބަޔަކު އަބްދުﷲ ގާޒީ ގެންދަނީ ކީއްކުރަންތޯ އާއި ކާކު ބުނެގެންތޯ ސުވާލު ކުރުމުން ވެސް އެއްވެސް މީހަކު ޖަވާބެއް ދީފައިވާ ނުވާކަމަށް ސޯބިރާ ވިދާޅުވި އެވެ. އެ ގޭގައި އެވަގުތު މުހްތާޒް މުހްސިން ހުންނެވިތޯ ނަޝީދުގެ ވަކީލުން ސޯބިރާއާ ސުވާލު ކުރެއްވުމުން ސޯބިރާ ވިދާޅުވީ މުހްތާޒް މުހްސިން އޭރު ނުދަންނަ ކަމަށާއި އަދި އޭނާ އެ ތަނުގައި ހުރި ހަނދާނެއް ވެސް ނުވާ ކަމަށެވެ. ނަމަވެސް މުހްތާޒް އޭރު އެ ތަނުގައި ހުރި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަހްގީގުގައި ސޯބިރާ ބުނެފައިވާކަން ނަޝީދުގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަބްދުﷲ ގާޒީ ގެންދިޔަ ވަގުތު އޭނާ އެއްޗެހި ބަދަލުކޮށްލަން ކޮޓަރި އަށް ވަނުމުގެ ފުރުސަތު ނުދިނުމުން އެއްޗެހި ބަދަލުކުރީ ވެސް ގޭތެރޭ ސިފައިންގެ ކުރިމަތީ ހުންނަވައިގެން ކަމަށް ސޯބިރާ އާއި އައިމިނަތު ވަނީ ހެކިބަސް ދެއްވާފަ އެވެ. އަބްދުﷲ ގާޒީގެ އާއިލާގެ މެމްބަރުންގެ ހެކި ބަސް ނަގާފައިވަނީ ޝަރީއަތް ހިނގަމުންދާ ކޮޓަރިން ބޭރުގައި ހުންނަ އެހެން ކޮޓަރިއެއްގައި ހުންނަވައިގެން އަޑު އެކަނި އިވޭ ގޮތަށެވެ. އެ ގޮތަށް ހެކިބަސް ނެގުމަށް ނަޝީދުގެ ގާނޫނީ ވަކީލުން އިއުތިރާޒް ކުރައްވައި، އެކަން އެގޮތަށް ކުރައްވަނީ ކޮން ގަވައިދަކުންތޯ ވަނީ ސުވާލު އުފައްދާފަ އެވެ. ބެންޗުގައި އިންނެވި އިސް ގާޒީ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެ ގޮތަށް ހެކިބަސް ނަގަނީ ހެކިބަސް ދޭ މީހުންގެ އެދުމުގެ މަތިން ކަމަށާއި އެއީ މީގެ ކުރިން ވެސް ޝަރީއަތްތަކުގައި އަމަލުކޮށްފައިވާ ގޮތެއް ކަމަށެވެ. ފުލުހުންނަށް ދީފައިވާ ބަޔާން ޝަރީއަތަށް އައުމުގެ ކުރިން ކިޔާފައިވާނެތޯ ސޯބިރާއާ ނަޝީދުގެ ގާނޫނީ ޓީމުން ކުރެއްވި ސުވާލަށް ޖަވާބު ދައުލަތު ވަކީލުންނެވެ. ދައުލަތުން ބުނީ މިއަދު ޝަރީއަތުގެ ކުރިން ދީފައިވާނެ ކަމަށާއި އަދި އެއީ ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމަކީ ޝަރީއަތަށް ނުފޫޒު ފޯރުން ކަމަށް ނަޝީދުގެ އިސް ގާނޫނީ ވަކީލު ހިސާން ހުސެއިން ވަނީ ފާހަގަ ކުރައްވާފަ އެވެ. ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލްމަންނާނުގެ ހެކި ބަސް ވެސް މިރޭ ވަނީ ނަގާފަ އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށް ނުލައްވާނެ ކަމަށް ފުލުހުންގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރައްވަން އަމުރު ކުރިކަމެއް އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަކީ ނަޝީދާ މެދު އެއްވެސް ރުޅިވެރިކަމެއް އޮންނަ މީހެއްތޯ ދައުލަތުން ކުރި ސުވާލުގައި ވިދާޅުވީ އޭނާ ނަޝީދަށް ވަރަށް އިހްތިރާމް ކުރައްވާ ކަމަށާ އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް ނަޝީދާ މެދު އޭނާގެ ރުޅިވެރިކަން އޮތްކަން ސާބިތުކޮށްދޭން ނަޝީދުގެ ގާނޫނީ ޓީމުން ކުރަން އުޅުނު ސުވާލު ފަނޑިޔާރުން ފުރުސަތު ދީފައިނުވާތީ އެ ސުވާލުތަކެއް ނުކުރެވުނެވެ. އެ މައްސަލަ ބައްލަވާ އެހެން ފަނޑިޔާރުންނަކީ އަބްދުލްބާރީ ޔޫސުފްގެ އިތުރުން ޝުޖާއު އުސްމާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ