ޑިޖިޓަލްކޮށް ބްރޯޑްކާސްޓް ކުރަން 2017 ގައި ފެށޭވަރުވާނެ، މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ: އުމަރު

ރާއްޖޭގައި ޑިޖިޓަލްކޮށް ބްރޯޑްކާސްޓިންގެ ހިދުމަތް ދޭން 2017 ގައި ފެށޭވަރުވާނެ ކަމަށާއި އެކަމަށް ގާއިމްކުރާ ނިޒާމްގެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ޖަޕާނުގެ ހިލޭ އެހީގެ ގޮތުގައި އެ ގައުމުގެ ބްރޯޑްކާސްޓިން ޓެކްނޮލޮޖީ ރާއްޖެ އަށް ތައާރަފްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މި ނިޒާމު ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތުގައި ޖަޕާނުގެ ޓީމުތައް މިހާރު ވެސް އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ނެޓްވޯކާ ބެހޭ ފުރިހަމަ ޑިޒައިން އާއި އެހެނިހެން ތަފްސީލުތައް ނިންމަން މިހާރު ރާއްޖެ އައިސް އުޅޭ ޖަޕާނުގެ އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)އާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އުމަރެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ ޓީމުގެ ލީޑަރު ޖޮޓާރޯ ޓަޓަޔާމާ އެވެ. މިއަދުގެ ރަސްމިއްޔާތުގައި އުމަރު ވާހަކަ ދައްކަވަނީ: 2017 ގައި ޑިޖިޓަލްކޮށް ބްރޯޑްކާސްޓިންގެ ހިދުމަތް ދޭން ފެށޭނެ ކަމަށް ވިދާޅުވި-- ހަވީރު ފޮޓޯ: ނިޝާން އަލީ ހޯމް މިނިސްްޓްރީގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ނިޒާމު ރާއްޖޭގައި ގާއިމުވުމުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ހިދުމަތް ފޯރުކޮށްދޭން ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި 2017 ގައި މި ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. މި މަސައްކަތަށް ހޭދަވާ ފައިސާގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ސަރުކާރުން ލަފާކުރާ ގޮތުގައި އެކަމަށް ޖަޕާނުން 20 މިލިޔަން ޑޮލަރު ހޭދަކުރާނެ އެވެ. ސަރުކާރުން މަސައްކަތްކުރަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ޕީއެސްއެމްއާ ގުޅިގެންނެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ޖަޕާންގެ ނިޒާމް ރާއްޖޭގައި ގާއިމްކުރުމުގެ ސާވޭގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހިދުމަތް ފޯރުކޮށްދޭން ޖަހާ ޓަވަރުތަކާއި ބަހައްޓާ ޓްރާންސްމީޓަރު ގާއިމުކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަލީލް ވިދާޅުވީ ޓެކްނިކަލް ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. ޕީއެސްއެމްގެ އެމްޑީ ހަލީލް ވާހަކަ ދައްކަވަނީ: އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި - ހަވީރު ފޮޓޯ: ނިޝާން އަލީ "މިހާރު މި ބަލަނީ ޓަވަރުތައް ޖަހައި، ޓްރާންސްމީޓަރު ބަހައްޓާނެ ރަށްތައް. އިރާދަކުރެއްވިއްޔާ އަންނަ އަހަރު މެދު ތެރޭގައި މީގެ އަމަލީ މަސައްކަތް ފެށޭނެ،" ހަލީލް ވިދާޅުވި އެވެ. ޖަޕާނުގެ "އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން - ޓެރެސްޓްރިއަލް" ސިސްޓަމް ނުވަތަ އައިއެސްޑީބީޓީ ރާއްޖޭގައި ގާއިމްކުރެވުމުން، ޑިޖިޓަލް ބްރޯޑްކާސްޓިން ނެޓްވޯކަކުން މުޅި ރާއްޖެ ގުޅާލެވޭނެ އެވެ. އަދި ދިވެހި ހުރިހާ ބްރޯޑްކާސްޓަރުންގެ ސިގްނަލް މުޅި ރާއްޖެ އަށް ޑިޖިޓަލްކޮށް ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ