ބާލުސްކޯނީ ކޯޓުން ސަލާމަތް ވެއްޖެ، އަނެއްކާވެސް ސިޔާސީ ދާއިރާ އަށް ކަޅި ހުއްޓިއްޖެ

ރޯމް - އިޓަލީގެ މައްސަލަ ބޮޑު ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ، ކުޑަކުއްޖަކަށް ފައިސާ ދީގެން ބަދުއަހުލާގީ އަމަލެއް ހިންގެވިކަމުގެ ކުށުން ސަލާމަތްވުމާ އެކު އަނެއްކާވެސް ސިޔާސީ ދާއިރާ އަށް ކަޅި ހިންގަވަން ފައްޓަވައިފި އެވެ. ޓެކްސް އަށް މަކަރުހެއްދެވުމުގެ ކުށް ސާބިތުވެ އަދަބެއްގެ ގޮތުން މިހާރުވެސް އިޖުތިމާއީ ހިދުމަތުގައި އުޅުއްވަމުން ގެންދަވާ ބާލުސްކޯނީ، 78، ސިޔާސީ ދާއިރާ އަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. "ތެދު ހާމަވީ އެވެ. މިއީ ސިޔާސީ، ޝަރުއީ އަދި ގާނޫނީ ދާއިރާ އަށް ވަރަށް ހިތްގައިމު ދުވަހެކެވެ. އިޓަލީ އަކީ، މިހާރަށް ވުރެ މިނިވަން، އިންސާފުވެރި އަދި މާ ރަނގަޅު ތަނަކަށް ހަދަން މިހިރީ އެނބުރި އައިހެވެ،" ބާލުސްކޯނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. އެކަމަކު އިޓަލީގެ ސިޔާސީ އިލްމުވެރިން ލަފާކުރައްވާ ގޮތުގައި ގައުމުގެ ސިޔާސީ ދާއިރާ އަށް އައިސްފައިވާ ބަދަލާ ގުޅިގެން ބާލުސްކޯނީ އަށް އޮތް ފުރުސަތު ކުޑަ އެވެ. އިޓަލީގައި 2018 ގައި އޮންނަ އާންމު އިންތިހާބަށް އޭނާ ކުރިމަތިލައްވަންޏާ ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކެއް ވެސް އެބަ ހުއްޓެވެ. ޓެކްސް އަށް މަކަރު ހެއްދެވުމުގެ ކުށް ސާބިތުވުމުން، މިހާރު ގާނޫނު އޮންނަ ގޮތުން، ހަ އަހަރު ވަންދެން މަޖިލިހުގެ މެމްބަރަކަށް ނުވެވޭނެ އެވެ. މިއީ ސީދާ ބާލުސްކޯނީ އަށް އަމާޒުކޮށް ހަދާފައިވާ ގާނޫނެކެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި، މުއްސަނދި ބާލުސްކޯނީ ކުރައްވަން އޮތް އެންމެ ފުރަތަމަ ކަމަކީ އެ ގާނޫނަށް ބަދަލު ގެންނެވުމެވެ. އޭނާ ވަނީ އެކަން ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓަށް ހުށަހަޅުއްވައިފަ އެވެ. "އޭނާގެ ކައިރީގައި އުޅޭ މީހުން އެކަން ގަބޫލުނުކުރިޔަސް ބާލުސްކޯނީގެ ވަގުތު މިހާރު ފާއިތުވެއްޖެ،" ފްލޯރެންސް ޔުނިވަސިޓީގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު މާކޯ ޓާޗީ ވިދާޅުވި އެވެ. އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް އޭސީ މިލާންގެ ވެރިޔާ އަދި މީޑިއާގެ ދާއިރާތަކަށް އިންވެސްޓްކޮށްފައިވާ މަހުޖަނު ސިޔާސީ ކަންކަމާ އުޅުމަށް ވުރެ ވިޔަފާރި މުހިންމު ކަމަށް ބައެއް އިލްމުވެރިން ގަބޫލުކުރައްވަ އެވެ. "އޭނާ އަށް ވަނީ ވޯޓު ލާ މީހުންގެ އިތުބާރު ގެއްލިފައި،" ޔުނިވަސިޓީ އެހެން ޕްރޮފެސަރެއް ކަމަށްވާ ޖިއޮކޯމާ މަރަމާއޯ ވިދާޅުވި އެވެ. "ނާސި އަންހެނުންނާ އެކު ބާއްވާ ގުޅުމަކީ އޭނާގެ އެންމެ ބޮޑު ބަލިފައި. އަސްލު ބާލުސްކޯނީ އަކީ މިހާރު މުސްކުޅިވެފައިވާ ބައްޕައެއް ކަހަލަ މީހެއް. އޭނާ އަށް ބޮޑުވަޒީރުކަމަށް އާދެވުމުގެ ފުރުސަތު ކުޑަ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ