ރިޔާސީ ޕްރައިމަރީވެގެން މިދަނީ ވަރަށް ވާދަވެރި އިންތިހާބަކަށް: މައުމޫން
އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަކީ ވަރަށް ވާދަވެރި އިންތިހާބެއް ކަމަށާއި އެ އިންތިހާބުގެ ތެރޭގައި ޕާޓީގެ މަސްލަހަތު ގެއްލި ބައިބައިވާ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ އިލްތިމާސްކުރައްވައިފި އެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރު ވާދަކުރައްވާ އިންތިހާބާ ގުޅޭގޮތުން މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންތިހާބުތައް ވާދަވެރިވުމަކީ ޑިމޮކްރަސީގައި އެކަން ހިނގާނެ ގޮތް ކަމަށެވެ. އެ ވާދަވެރިކަމުގެ ތެރޭގައި ހިތްހަމަ ނުޖެހޭ ބައެއް ކަންތައްތައް ފެނިގެން ދިޔަ ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ރަނގަޅަށް ކަމަށް މައުމޫން ވިދާޅުވި އެވެ. "ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވުމުގެ ނަސީބު ލިބޭ ފަރާތަކާއި އެ ނަސީބު ނުލިބޭ ފަރާތެއްވާނެ. ޑިމޮކްރަސީގެ އެންމެ ބޮޑު ޓެސްޓަކީ އިންތިޚާބު ނިމުމަށް ފަހު ވެސް އެންމެން އެކަތިގަނޑަކަށް ވެގެން ތިބުން. ބައިބައިވެގެން ނުދިޔުން،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަކީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ އިންސާފުވެރި ހާމަކަންބޮޑު އަދި ޑިމޮކްރެޓިކް އިންތިހާބަށް ވެގެންދާނެ ކަމަށެވެ. "އަދި އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ ވެގެންދާނީ ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ހަރުދަނާ އަދި މިޒަމާނުގެ ޑިމޮކްރަސީގެ އުސޫލުތަކަށް އެންމެ ލޯބިކުރާ ޕާޓީކަމަށް ވުމުގެ ރީތި ނަން ލިބިގެންދާ ޕްރައިމަރީ ކަމުގައި،"މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ޕާޓީ އަށް ރީތި ނަން ލިބޭނީ ގާނޫނާއި ގަވާއިދުތަކާއި އެ ޕާޓީގެ އަސާސީ ގަވާއިދާއި އިންތިހާބާ ބެހޭ ގަވާއިދާ އެއްގޮތަށް މެމްބަރުން އަމަލުކޮށްގެންނެވެ. އެގޮތުން ޕްރައިމަރީގައި ޕީޕީއެމްގެ ހުރިހާ މެމްބަރުން ވޯޓު ދިނުމަށް ވެސް މައުމޫން އެދިވަޑައިގެންނެވި އެވެ. އަދި އެ ޕްރައިމަރީ އަކީ މިނިވަން އިންސާފުވެރި އަދި ހާމަކަންބޮޑު ޕްރައިމަރީއަކަށް ހެދުމަށް އެންމެން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. ޕީޕީއެމުގެ އިންތިހާބާ ބެހޭ ކޮމެޓީން ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދަނީ ގެންދަނީ ގަވާއިދާ އެއްގޮތަށް ވަރަށް ޒިންމާދާރުގޮތަކަށް ކަމަށް އެ ހިތާބުގައި މައުމޫން ވަނީ ފާހަގަކުރައްވައިފަ އެވެ. މައުމޫން ވިދާޅުވި ގޮތުގައި ޔާމީނާއި އުމަރަކީ ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އިހްލާސްތެރި ދެ ބޭފުޅުންނެވެ. ޕްރައިމަރީގައި ކުރިހޯއްދަވާ ކެންޑިޑޭޓަކާ އެކުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް މައުމޫން މިރޭ ވެސް ވިދާޅުވި އެވެ. އަދި ދެ ކެންޑިޑޭޓުންނާއި އެ ދެބޭފުޅުންނަށް ތާއީދުކުރައްވާ ހުރިހާ މެންބަރުން ވެސް އެ އަޒުމުގައި އެމަނިކުފާނާ އެކު މަސައްކަތް ކޮށްދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ. ރިޔާސީ ޕްރައިމަރީގައި މައުމޫން ވަކި ބޭފުޅަކަށް ތާއީދު ކުރައްވާ ކަމަށް ހާމައެއް ނުކުރައްވަ އެވެ. މައުމޫން ވިދާޅުވީ އެއީ ޕާޓީގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ