އިމްރާން ޝަރީއަތް ކުރިއަށް ނުދަނީ މާލަން ނުނިމޭތީ ކަމަށް ގާޒީ ވިދާޅުވި: ވަކީލް

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާންގެ ޝަރީއަތް ކުރިއަށް ނުދަނީ މާލަމުގެ މަސައްކަތް ނުނިމޭތީ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވެފައިވާ ކަމަށް އިމްރާންގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ. އިމްރާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިދިޔަ ޖޫން މަހު ބޭއްވި ފަހުން މިއަދާ ހަމައަށް ވެސް އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ. އިމްރާންގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވީ އިމްރާންގެ ޝަރީއަތް ކުރިއަށް ނުދަނީ މާލަމުގެ މަސައްކަތް ނުނިމޭތީ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އެ މައްސަލަ ބައްލަވާ ބައްލަވާ ގާޒީ އަބްދުލްބާރީ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މާލަމެއްގެ ވާހަކަކަމެއް ސާފުވެފައި ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. "މާލަމުގެ މަސައްކަތް ނުނިމޭތީ ކަމަށް ވިދާޅުވީ، އެ ވިދާޅުވީ ކޮން މާލަމެއްގެ ވާހަކަ ކަމެއް އަޅުގަނޑަކަށް ވެސް ސާފެއް ނުވޭ،" ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވި ގޮތުގައި ގާޒީ ބާރީ އެގޮތަށް ވިދާޅުވީ އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައި ވަނިކޮށް އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ. އިމްރާން ގޭ ބަންދުގައި ބަހައްޓަން އިސްގާޒީ އަބްދުﷲ މުހައްމަދު މިދިޔަ ބުދަ ދުވަހު އަމުރު ކުރައްވާފައި ވަނިކޮށް ބުރާސްފަތި ދުވަހު ގާޒީ ބާރީ ވަނީ އިމްރާން އަލުން ކޯޓަށް ހާޒިރުކޮށް، އޭނާ އަލުން ޖަލު ބަންދުގައި ބަހައްޓަން އަމުރު ކުރައްވައިފަ އެވެ. އިމްރާންގެ ޝަރީއަތް ކުރިއަށް ނުދަނީ "މާލަމުގެ މަސައްކަތް ނުނިމޭތީ" ކަމަށް ގާޒީ ވިދާޅުވެފައިވާއިރު ޖަސްޓިސް ބިލްޑިން ތިރީގައި ހުންނަ ބޮޑު ކޯޓް ރޫމު އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ކޯޓު ރޫމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ވެސް ހިންގި ކޯޓު ރޫމެވެ. އިމްރާންގެ މައްޗަށް ދައުވާކުރަނީ މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ. އިމްރާންގެ ޝަރީއަތް ފަށާފައި ވަނިކޮށް އެ މައްސަލަ ބަލަން އެކުލަވާލި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ހައި ކޯޓަށް ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ އެ ބެންޗުގައި ހިމެނުނު ފަނޑިޔާރުންގެ ތެރެއިން މިހާރު ހުރީ ގާޒީ ބާރީ އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ