މަޖިލީހުގެ މަސައްކަތް ރިޔާސީ އިންތިހާބުގެ ވާދަވެރިކަމާ ގުޅިފައި

ރައްޔިތުންގެ މަޖިލިސް އިސްލާހުކުރާ ވާހަކަ އާއި މަޖިލީހުގެ މިސްރާބު އަނބުރާލާ ވާހަކަ ދައްކާއިރު އެއީ ގައުމުގެ އެންމެ ބޮޑު ސިޔާސީ ކިއްލާ އެވެ. އެ މަޖިލީހުގެ ތެރެއިން ވަކި ހާއްސަ އިމްތިޔާޒުތަކަކާއި ބާރުތަކެއް ލިބެ އެވެ. އެ ބާރުތައް އެކި ބޭފުޅުން އެކި ގޮތްގޮތުން އެ ބާރުތައް ބޭނުންކުރައްވަ އެވެ. ރައްޔިތުންގެ ކަންކަމުގައި ބަހުސް ކުރެވޭ ތަނެއްގައި އަޑުގަދަ ވުމާއި އަރައިރުން ވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހައްދުފަހަނައެޅުމުގެ ވިސްނުމެއްގައި މަޖިލީހުން ކޮންމެ ނިންމުމެއް ނިމިގެންދާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މިސާލަކަށް ބަލާ ނަމަ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލުގެ ބޮޑެތި މައްސަލަތައް ހުރިކަން މެންބަރުން ގަބޫލުކުރެއްވި ނަމަވެސް އެ ބިލްތައް އަވަހަށް ފާސްކުރުމަށް މަޖިލީހުން އަމާޒު ހިފި މަގުސަދާ މެދު ސުވާލު އުފައްދޭނެ ޖާގަ އެބަ އޮތެވެ. މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްގަލަކަށް އަރައިވަޑައިގެން ސިޔާސީ ޕާޓީތަކުގެ ބިލްގައި އިންތިގާލީ މަރުހަލާއެއް ވެސް ނޯންނަ ގޮތަށް ފާސްކުރުމުގެ ނަތީޖާއަކަށް ވީ ގިނަ ސިޔާސީ ޕާޓީތަކެއް ގެއްލުމެވެ. ގާނޫނީ ގޮތުން ބޮޑެތި ހިލާފްތައް އުފެދި ޝަރީއަތަށް ދާންޖެހުމެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ހިފެހެއްޓުމެއް ނެތި ދިން ބާރުތަކާ އެކު ހަމަހަމަކަމާއި އިންސާފު ގެއްލި ދިޔައީ އެވެ. މި ހުރިހާ ކަމެއްގެ ހަގީގީ މަދުސަދަކީ ކޮބައިހެއްޔެވެ؟ "އެމްޑީޕީން ވެސް އަދި ޕީޕީއެމްއިން، ޑީއާރުޕީ މިހެން ގޮސް ޖުމްހޫރީ ޕާޓީން ވެސް މި ދަނޑިވަޅުގައި އެ މީހުންގެ މަގުސަދަކަށް ވަނީ އިންތިހާބަށް މަސައްކަތް ކުރުން. ރައީސް ވަހީދަކީ ވެސް އިންތިހާބީ ކެންޑިޑޭޓެއް. އެހެން ވީމާ ސިޔާސީ ވާދަވެރިން ވީމާ މިކަން މި ނިކުންނަނީ. މަޖިލީހުގެ ނިންމުންތައް މާބޮޑަށް ބަޔަސްވާތަން މިފެންނަނީ،" މަޖިލީހުގައި ހިމެނޭ މިނިވަން މެންބަރަކު ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކުގެ ބިލް ރައީސް ތަސްދީގު ކުރެއްވުމާ އެކު، ނެތި ދިޔަ ޕާޓީތަކުގެ ތެރޭގައި ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ ހިމެނެ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ޕާޓީގެ ނަން އަލުން ދަފްތަރުގައި ހިމަނާފައި ހުއްޓަސް ކޯޓުގެ ހުކުމާއި އެކު އެ ޕާޓީއަށް ވާނެ ގޮތަކާ މެދު ވެސް އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އެދުވަހު ރައީސް ބިލް ތަސްދީގު ކުރެއްވުމާ އެކު ޖެހިގެން އައި ދުވަހު މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ ރައީސް ވަހީދުގެ ޕާޓީ އުވިއްޖެ ކަމަށާއި ޕާޓީގެ ތެރެއިން ދެން ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަހީދަށް ހަނިވެއްޖެ ކަމަށެވެ. މިއީ ޕާޓީތަކުގެ އެންމެ އެތެރޭގެ ވިސްނުން ވެސް ހުންނާނެ ގޮތެވެ. ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ވިސްނުމުގައި މިހާރު ވެސް މަސައްކަތް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ޕީޕީއެމްގެ އަބްދުﷲ ޔާމީނާއި އުމަރު ނަސީރު އަދި ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ވެސް ބިރަކަށް ވާނީ ރައީސް ވަހީދު ވެރިކަމުގެ ބާރު ބޭނުން ކުރައްވައިގެން ހިންގަވާ ކެމްޕޭންތަކެވެ. ސިޔާސީ ބައެއް ވެރިންގެ ވިސްނުމުގައި މިހާރު މަޖިލީހުގެ ތެރެއިން ނިންމާ ނިންމުމުގައި ފޮރުވިފައި އޮތީ އެކަމެވެ. އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ މަޖިލީހުގެ މިހާރުގެ އަމަލުތައް އެހާ ބޮޑަށް "ހުދުމުހުތާރުވެފައި" ވަނީ ރައީސުލްޖުމްހޫރިއްޔާގެ "އިމްތިޔާޒަށް" އަރައިގަތުމުގެ ބޭނުމުގައި ކަމަށެވެ. އޭނާވެސް ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް ވަހީދު ދެ ވަނަ ފަހަރަށް ވެރިކަމާ ކައިރި ނުވުމުގެ ފުރުސަތު ބޮޑ ކުރަން ރިޔާސީ ވާދަވެރިން ތިއްބެވީ ހަތިޔާރު ނަންގަވައިގެންނެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންނަކީ މިނިވަންކަމާ އެކު ވަކި ފަރުދަކަށް ފައިދާއެއް ހޯދުމަށް މަސައްކަތްކުރަން ޖެހޭ ބަޔަކަށް ނުވާއިރު މަޖިލީހުގެ މެންބަރުންގެ މިހާރުގެ ވިސްނުމުން ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ނިންމުންތަކެއް ނިންމޭނެ ކަމާ މެދު ސުވާލު އުފެދެ އެވެ. މަޖިލީހުގައި ޕާޓީތައް ތަމްސީލް ކުރަމުން ދާއިރު ޕާލިމެންޓްރީ ގުރޫޕުގެ ނިންމުންތަކަށް ވަނީ ރިޔާސީ އިންތިހާބުގެ ކުލަ ވަދެފަ އެވެ. ފެންނަނީ އެ މަގުސަދުގައި މަސައްކަތް ކުރާ ތަނެވެ. ނަމަވެސް ޕީޕީއެމް އާއި ޑީއާރުޕީ އަދި ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ވިސްނުމުގައި "ސަރުކާރު ޒިންމާދާރުކޮށް ގާނޫނީ ވެރިކަމެއް" ދަމަހައްޓަން މަޖިލީހަށް އަންނަނީ ވަރަށް ރަނގަޅު ދައުރެއް އަދާކުރަމުންނެވެ. އެންމެ ފަހުން މަޖިލީހުން ފާސްކުރި ދެ ބިލް ތަސްދީގުކުރުން ލަސްވެގެން ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވެސް އެކުގައި ނުކުތީ ގާނޫނީ ވެރިކަން ނެގެއްހެއްޓުމަށެވެ. ނަމަވެސް މިވަގުތު ސިޔާސީ މައިދާން ބަދަލުވެގެންދާ ގޮތާއި ބައްޓަންވެގެންދާ ގޮތުން މަޖިލިސް މެންބަރުންނަށް އެ ވިސްނުމުގައި މަސައްކަތް ކުރެވޭ ކަމާ މެދު އުފެދެނީ ސުވާލުތަކެކެވެ. "ސަރުކާރަށް ޖެއްސުން ކުރުމުގެ ކަންތައްތަކެއް ވެސް އެބަ ކުރެވޭ. އަދި ޒިންމާދާރު ކުރުމަށް ވެސް މަސައްކަތްތަކެއް ވެސް ކުރެވޭ. އެހެން ވީމާ ޖުމްލަކޮށް ބެލެންސް މަސައްކަތްތަކެއް ކަންނޭންގެ މަޖިލީހަށް އެ ކުރެވެނީ. ނަމަވެސް މުޅި އެއްކޮށް މަޖިލީހުގެ މަސައްކަތް ރިޔާސީ ކެންޑިޑޭޓުންތަކެއް ދިފާއުކޮށް ރައީސް ވަހީދަށް ނޫނީ ސަރުކާރަށް ފިއްތުމުގެ ވިސްނުންތަކެއްގައެއް ނޫން ކުރެވެމުން އަންނަނީ،" ޕީޕީއެމްއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ. އެ މެންބަރުން އެގޮތަށް ވިދާޅުވި ނަމަވެސް އެމްޑީޕީގެ ވިސްނުން ވަނީ ހާމަކޮށްފަ އެވެ. ރައީސް ވަހީދާ އެކު ރިޔާސީ އިންތިހާބު މިނިވަންކަމާ އެކު ކުރިއަށް ނުދާނެ ކަމަށް އެ ޕާޓީން ގަަބޫލުކޮށް އިންތިގާލީ ސަރުކާރަކަށް ދަނީ ގޮވާލަމުންނެވެ. އަދި މަޖިލީހުގެ ރައީސް އަކީ އިންތިގާލީ ސަރުކާރުގެ ރައީސްއަކަށް ވުމަށް އެމްޑީޕީން އަބަދު ވެސް އެދެ އެވެ. މިފަހަކަށް އައިސް ރައީސް ނަޝީދު ނިންމެވި މުހިންމު ނިންމުންތަކާއި ޝާހިދާ އެކު ބޭއްވި ބައްދަލުވުންތަކާއި ބައެއް ފަރާތްތަކުން މި ކަންތައްތައް ގުޅުވަ އެވެ. މިސާލަކަށް ބަލާނަމަ އިންޑިއަން ހައިކޮމިޝަނުން ހިމާޔަތް ހޯއްދެވުމުގެ ކުރިން ރައީސް ނަޝީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެއަށް ވަޑައިގަތެވެ. ނަމަވެސް ޝާހިދު ވިދާޅުވީ ނަޝީދު ވަޑައިގަތީ އޭނާގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. ނަމަވެސް އަނެއް ދުވަހު މެންދުރު ރައީސް ނަޝީދު ވަދެ ވަޑައިގަތީ ހައިކޮމިޝަނަށެވެ. މިއީ ވެސް އިއްތިފާގަކަށް ވެދާނެ އެވެ. ނަމަވެސް ސިޔާސީ ބޭފުޅެއްގެ ގެޔަށް އަނެއް ސިޔާސީ ބޭފުޅަކު ޒިޔާރަތް ކުރުމަކީ އާދައިގެ ކަމަކަށް ނުވާނެ އެވެ. އަދި ހަމައެކަނި ހާލު ބަލައިލުމުގެ ބައްދަލުވުމަކަށް އެކަން ވުމަކީ ވެސް ގަބޫލުކުރަން ދަތި ވިސްނުމެކެވެ. ނަމަވެސް އެމްޑީޕީން އިންތިގާލީ ސަރުކާރެއްގެ ހުވަފެން އަދިވެސް ދެކެ އެވެ. އެކަމަށް މަޖިލީހުގެ ތެރެއިން މަގުފަހި ކުރުމަށް ދުރާލާ ރޭވުންތަކެއް ރޭވުމަކީ އެމްޑީޕީގެ ވިސްނުމަކަށް އޮންނަނީ ވެފަ އެވެ. އެމްޑީޕީން މަޖިލީހުގެ ހުރިހާ މަސައްކަތްތަކެއްގައި ވެސް ސަރުކާރަށް ފިއްތުމާއި އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެ ޕާޓީގެ މަސައްކަތް ހުންނަނީ އަމާޒުކޮށްފަ އެވެ. އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުން ނެގުމާއި ބައެއް ވަޒީރުންނާއި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދީ އެ ވިސްނުމުގެ ތެރެއިން ކަމަށް ބެލެވެ އެވެ. ނަމަވެސް މެންބަރުން އެ ހުރިހާ ކަމެއް ކުރައްވަނީ "ރައްޔިތުންނަށްޓަކައި" ކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގެ ޑްރާމާ މިފަދަ ކޮންމެ ގޮޅިއަކަށް ވެސް ފެއްތިދާނެ އެވެ. މަޖިލީހުގައި ނަގާކިޔާ ބޭފުޅުންނަކީ ރިޔާސީ ރޭހުގެ ވާދަވެރިންނެވެ. ގާސިމާއި ތަސްމީނާއި ޔާމީނަކީ ޔަގީނުން ވެސް ސިޔާސީ ރޭހުގެ ވާދަވެރިންނެވެ. އެބޭފުޅުންގެ އަމާޒަކީ މިއަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމެވެ. އަދި އެ ޓިކެޓް ދިފާއު ކުރުމެވެ. އެ މީހުންނަށް އެންމެ ޗެލެންޖް ބޮޑު އަނެއް ކެންޑިޑޭޓަކަށް ފިއްތުންތައް ކުރިމަތި ކުރުވުމަކީ މަޖިލީހުގެ ތެރެއިން ވެސް މިހާރު ފެންނަ ޑްރާމާ އެވެ. އެއީ ރައްޔިތުންގެ މަޖިލީހަކަށް ވުރެ ބޮޑަށް ރިޔާސީ ކެންޑިޑޭޓުންގެ މަޖިލީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ