ޑިޒާސްޓާގެ ކޮރަޕްޝަން ތުހުމަތުގައި ބަންދުކުރި އެންމެން ހައި ކޯޓުން ދޫކޮށްލައިފި
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން މީހާތަނަށް ބަންދުން ދޫކޮށްނުލާ ހުރި ހަމައެކަނި މީހާ ކަމަށްވާ އަބްދުﷲ ސައީދު ވެސް ހައި ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ޑިޒާސްޓަ ސެންޓަރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބެލެވޭތީ އޭސީސީން ކުރި ތަހުގީގަކާ ގުޅިގެން ހައްޔަރުކުރީ ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދުގެ އިތުރުން އެ ސެންޓަރުގެ އިސް ވެރިއަކަށް ކުރިން ހުންނެވި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދާއި މއ. އެވަގްލޯރީ އަހުމަދު އާރިފު (އާއްޓޭ) އާއި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި ހ. ރަބީއީ މަންޒިލް މުހަންމަދު ޝާހިދެވެ. މީގެ ތެރެއިން މުހަންމަދު ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ އެވެ. އެ އެންމެން ވެސް މީގެކުރިން ހައި ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އަބްދުﷲ ސައީދު ދޫކޮށްލީ މިއަދު އެވެ. އެ އެންމެންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ އެންމެން ވެސް ދޫކޮށްލީ ކްރިމިނަލް ކޯޓުގެ އަމުރުތައް އެ މީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ އަމުރުތައް ބާތިލް ކުރުމުންނެވެ. އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވަނީ 2005 ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކެއްގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ އަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ އިން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ