އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ މެމްބަރު ޝިފާގުއާ އެކު ތިން ބޭފުޅެއްގެ ނަން ރައީސް ހުށަހަޅުއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގް މުފީދާ އެކު ތިން ބޭފުޅެއްގެ ނަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވި ގޮތުގައި އެޗްއާރުސީއެމްގެ މެމްބަރުކަމަށް އެދި ކުރިމަތިލާން ހުޅުވާލި މުއްދަތުގައި 33 ބޭފުޅަކު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރެއިން މެމްބަރުކަމަށް ހަމަޖެއްސެވުމަށް ރައީސް ހޮއްވަވާފައި ވަނީ ޝިފާގާއި އައިޝަތު އަފްރީން މުހައްމަދުގެ އިތުރުން އައިމިނަތު އީނާސް ކަމަށް މުއާޒް ވިދާޅުވި އެވެ. ޝިފާގް މަޖިލީހުގެ ޖަލްސާއެއްގައި: އޭނާއާ އެކު އިތުރު ދެ ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވި.-- ހަވީރު ފައިލް ފޮޓޯ ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ހިމެނޭ ޝިފާގަކީ ކުރީގެ މެމްބަރު ކަމެއް ނުވަތަ ނޫން ކަމެއް ތަރުޖަމާނު ވިދާޅެއް ނުވެ އެވެ. އޭނާ ހަމައެކަނި ވިދާޅުވީ ރައީސް އޮފީހަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރައީސް ހުށަހެޅުއްވި އެއްވެސް ބޭފުޅަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނޫން ކަމަށެވެ. އެކަމަކު، "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެއީ ކުރީގެ މެމްބަރު ޝިފާގެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މިދިޔަ މަޖިލީހަށް ހޮވިވަޑައިގެންނެވި ޝިފާގް ވަނީ ފަހުން ޕީޕީއެމް އަށް ބަދަލުވެވަޑައިގެންފަ އެވެ. އޭގެ ފަހުން، މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާ ޖޭޕީ އަށް ސޮއިކުރެއްވި އެވެ. އެކަމަކު، ފަހުން ވަނީ އަނެއްކާ ވެސް ޕީޕީއެމްއާ ގުޅިވަަޑައިގެންފަ އެވެ. ފަސް މެމްބަރުން ތިއްބަވާ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ މިހާރު ތިއްބެވި ތިން މެމްބަރެއްގެ ދައުރު ހަމަވާތީ އެވެ. އެއީ އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އާއި ނައިބު ރައީސް އަހުމަދު ތޮލާލް އަދި މެމްބަރު ޖީހާން މަހުމޫދެވެ. އެޗްއާރުސީއެމްގެ ބައެއް މެމްބަރުން ކޯޓުން ނިކުމެ ވަޑައިގަންނަވަނީ: އެ ކޮމިޝަންގެ ތިން މެމްބަރެއްގެ މުއްދަތު ހަމަވާން ވަނީ ކައިރިވެފައި.--ހަވީރު ފައިލް ފޮޓޯ އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލެވެނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. ސިޔާސީ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި އުޅޭ މީހަކަށް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި އެ މީހަކީ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތުގެ ކުށެއް މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކުރިކަން ސާބިތުވެފައި ނުވާ މީހަކަށް ވެސް ވާންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ