ރިޔާސީ ބަޔާން އިއްވަން ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު: އެމްޑީޕީ
މާޗް 4 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ހަމަޖައްސާފައި ވާއިރު އެ ދުވަހު އެ މަނިކުފާނަށް އެ ފުރުސަތު ދެއްވުމާ މެދު އިދިކޮޅު އެމްޑީޕީން ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބުނެފި އެވެ. "މާޗް 3 ގައި ޕީޖީ ގުރޫޕްގެ ޖަލްސާއެއް ބާއްވައި އެއަށް އަޅުގަނޑުމެން ގޮތެއް ކަނޑައަޅާނަން. އަދި އެއްވެސް ގޮތެއް ނިންމާފައެއް ނެތް،" ޑެޕިއުޓީ ޕީޖީ ލީޑަރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވި އެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރައީސް ވަހީދަށް އެމްޑީޕީން ދޭނެތޯ ސުވާލު އުފެދެނީ މިދިޔަ އަހަރު ވެސް އެކަމަށް އެ ޕާޓީން ހުރަސް އަޅާފައިވާތީ އެވެ. މާޗް 1، 2012 ގައި ރިޔާސީ ބަޔާން އިއްވަން ބޭއްވި މަޖިލީހުގެ މިދިޔަ އަހަރުގެ ފުރަތަމަ ޖަލްސާ ނުބޭއްވިގެން ހުއްޓާލަން ޖެހިފައި ވަނީ ޖަލްސާ ފެއްޓުމަށްޓަކައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ ޗެމްބަރަށް ވަދެވަޑައިގަތުމުގެ ފުރުސަތު އެމްޑީޕީން ނުދިނުމުންނެވެ. އެހެންވެ މާޗް 19 ގައި ވެސް މަޖިލީހުގައި މިދިޔަ އަހަރުގެ ރިޔާސީ ބަޔާން ރައީސް ވަހީދު އިއްވެވީ އެމްޑީޕީ މެމްބަރުންގެ ހަޅޭކާއި އަޑުގަދަކުރުންތަކާއި ހަމަނުޖެހުމުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ