ވިލިނގިއްޔާއި މާމެންދޫ ރައްޔިތުން އުފަލުން "އުދުހެނީ"
ގއ. ވިލިނގިލީ ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކެމުން އަންނަތާ ޒަމާންތަކެއް ވެއްޖެވެ. އެ އުންމީދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެމީހުން އެންމެ ފުރަތަމަ އުންމީދަކަށްވީ އަމިއްލަ ފަސްގަނޑުގައި އެއާޕޯޓް ހެދުމެވެ. އެ އުންމީދު ހަގީގަތަކަށް ނުވި ނަމަވެސް ކޫއްޑޫގައި އެޅި އެއާޕޯޓް ވެގެން ގޮސްފައިވަނީ ގއ. އަތޮޅުގެ ރައްޔިތުންނަށް، ހާއްސަކޮށް ވިލިނގިއްޔާއި މާމެންދޫގެ ރައްޔިތުންނަށް ލިބުނު އަގުހުރި ހަދިޔާ އަކަށެވެ. އެކަން އެރަށުގެ ރައްޔިތުންގެ މޫނުމަތިން ވަރަށް ރީތިކޮށް ފެނެ އެވެ. އެމީހުންގެ ވާހަކަތަކުން އެކަން ދޭހަވެ އެވެ. މި މައުލޫގައި ކޮންމެ މީހަކު ވެސް ވާހަކަ ދައްކަނީ އުފަލާ އެކުގަ އެވެ. "އަޅުގަނޑުމެން މިކަން ވަރަށް ހެޔޮހިތުން ބަލައި ގަންނަން. މިއީ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް،" މާމެންދޫ އަންހެނެއް ކަމަށްވާ އައިނަތު މުހައްމަދު އޭނާގެ ޝުއޫރުތައް ކިޔައިދެމުން ބުންޏެވެ. ކޫއްޑޫ އެއާޕޯޓު ހޯމަ ދުވަހު ހުޅުވާއިރު، މި އެއާޕޯޓުގެ ސަބަބުން އެންމެ ބޮޑު ފަސޭހައެއް ވާނެ އެއް ބަޔަކީ ހަމަގައިމު ވެސް ކާޑެއްދޫ އެއާޕޯޓުން އެންމެގިނައިން ދަތުރުކުރާ ވިލިނގިއްޔާއި މާމެންދޫ މީހުންނެވެ. ހާއްސަކޮށް ވިޔަފާރީގެ ގިނަ ފުރުސަތު ތަކެއް ހުރި ވިލިނގިލީގެ ރައްޔިތުންނަށެވެ. މާލެ އިން މި ރަށަށް އަންނަން ވެއްޖެނަމަ އެމީހުންގެ އަތުން ގާތްގަނޑަކަށް 4،000ރ. ވަރު ހޭދަކޮށްލާން ޖެހުމަކީ ލިބޭ ބޮޑު ހިތްދަތި ކަމެއް ކަމަށް މިދެ ރަށުގެ ރައްޔިތުން ބުނެ އެވެ. "އަޅުގަނޑުމެން ގެ އަތުން މިހާރު 3،000 ވަރު ރަށަށް ދާން ނޫނީ ރަށަށް އަންނަ ދޭ. މާލެއިން މި ކާޑެއްދުއަށް ދެވުނަސް ވިއްސާރަ ވިއްޔާ ޖެހޭނީ ކާޑެއްދޫގައި ތިބެން. އެހެންވެ އެއީ އަޅުގަނޑުމެންނަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް. މިކޮޅުން ޓިކެޓު ނަގައިގެން ފްލައިޓުގައި އަޔަސް އަދި ޖެހޭ ލޯންޗުގައި އަންނަން އާއްމުކޮށް މީހަކަށް 300ރ. ވަރު ދައްކަން. މި ދަތުރުގައިވެސް ގަޑިއެއްހާއިރުވޭ. އެހެންވެ މިއީ ވަރަށް ބޮޑު ފަސޭހައެއް،" ޓެސްޓް ފްލައިޓް ޖެއްސި މަންޒަރު ބަލަން ކޫއްޑޫ އެއާޕޯޓަށް ގޮސްހުރި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ. އެއާޕޯޓް ހުޅުވުމަށް މުޅި ގއ. އަތޮޅު ތައްޔާރު ވަމުންދާއިރު، ވިލިނގިއްޔާއި މާމެންދޫ ރައްޔިތުން ދަނީ އުފާފާޅުކުރަން ގިނަ ކުޅިވަރު ތަކެއްވެސް ރާވަމުންނެވެ. އެކަމުގައި މިދެ ރަށުގެ ގިނަ ބަޔަކު ޝާމިލްވާއިރު، ވިލިނގިލީގައި މިފޯރި ވަކިން ގަދަ އެވެ. މިކަމުގައި ކުދި ބޮޑު އެންމެން ޝާމިލްވަމުންދެ އެވެ. ހަވާއެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަކުގެ އިތުރުން އެއާޕޯޓް ހުޅުވުމުގެ އުފަލުގައި މިރަށުގައި ފޯރިގަދަ މިއުޒިކް ޝޯއެއް ވެސް ދަނީ ރާވަމުންނެވެ. މީގެ އިތުރުން ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާކިޔަން ޒުވާނުންގެ ސަގާފީ ކުޅިވަރުތަކެއް ވެސް ބާއްވާނެ އެވެ. ގާތްގަނޑަކަށް 3،000ގެ އާބާދީއެއް އޮންނަ ވިލިނގިލީގެ ރަށު ކައުންސިލް އިދާރާއިން ވެސް މިކަމަށް ގިނަ މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ. މިރަށު ކައުންސިލްގެ ރައީސް ސައުދު ހުސެއިން ވިދާޅުވީ އެއާޕޯޓް ހުޅުވުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި މިއީ ވިލިނގިލީ ތަރައްގީގެ ފެށުން ކަމަށެވެ. "އަޅުގަނޑުމެން އެންމެ ފުރަތަމަ ބޭނުންވީ އެއާޕޯޓް ވިލިނގިލީގައި އަޅަން. އެއީ އޭރުން މިތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުނީސް. ނަމަވެސް ކޫއްޑޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް. އެކަމަށްޓަކައި ކުރީގެ ރައީސާއި އޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައީސަށް ވެސް ޝުކުރު އަދާކުރަން. އަދި މި މަސައްކަތް ކުރުމުގައި ޖަނާހު ކޮށްދެއްވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުވެސް އަދާކުރަން. ޖަނާހު ދަނީ މިކަމުގައި ގިނަ ހިދުމަތް ތަކެއް ކޮށްދެއްވަމުން،" ސައުދު ވިދާޅުވި އެވެ. ކޫއްޑޫ އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރިސޯޓް ތަރައްގީ ކުރުމަށް މަޝްރޫއުތައް ހިންގަމުން ގެންދާ މަޝްހޫރު ބޮނަވިސްޓާއިންނެވެ. މި އެއާޕޯޓްގެ ކޮންޓްރެކްޓަރަކީ ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސް އެވެ. މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްކުރި ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްއިން ބުނީ މި މަސައްކަތް ކުރުމުގައި މުޅި އަތޮޅުގެ އެއްބާރުލުން ލިބިފައިވާ ކަމަށެވެ. "އަޅުގަނޑު މިކަން ކުރުމަށް ވިލިނގިލީގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާވެސް ބައްދަލުކުރިން. މިކަން ކުރިއަށް މިދަނީ ވަރަށް ގުޅިގެން. މިކަމަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ވެސް ދަނީ ލިބެމުން. މި އަތޮޅުން މިލިބޭ ސަޕޯޓް އަޅުގަނޑުމެން ބަލައި ގަންނަން،" ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ