ރިޔާސީ އިންތިހާބު މުހިންމު ވަނީ އަޅުގަނޑުގެ ކުރިމަގު އުޖާލާކުރާކަށް ނޫން: ނަޝީދު
ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބު މުހިންމު ވަނީ އަމިއްލަ ކުރިމަގު އުޖާލާކުރަން ނޫން ކަމަށާއި އިންތިހާބު މުހިއްމު ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ހަމަޖެހުމަށްޓަކައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކުގެ ޕާލިމެންޓުގައި އިއްޔެ ވިދާޅުވެއްޖެ އެވެ. ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްފައި ވަނީ "ބަޣާވާތަކުން" ކަމަށާއި މިފަހަރުގެ އިންތިހާބު މުހިއްމު ވަނީ ރާއްޖޭގައި ޑިމޮކްރަސީ އަލުން އިއާދަކުރުމަށް ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަސީ ނެތުމުގެ ވޭން އެތައް ބަޔަކު ތަހައްމަލްކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޑެންމާކުގެ ޕާލަމެންޓުގެ މެމްބަރުންނަށް މިސާލެއް ދައްކަވަމުން ށ. ފޭދޫގައި ދޮންބައްޕަ ރޭޕްކުރި އަންހެން ކުއްޖާގެ މައްސަލަ އަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އިންސާނިއްޔަތާ ހިލާފަށް އެ ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުކޮށް، ހައްދު ޖަހަން ހުކުމްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ އަށް ތަފާތު އެކި ފަހަރުގެ މަތިން ދޮންބައްޕަ ޖިންސީގޯނާކޮށް ވިހެއި ދަރިފުޅު މަރާލި މަންޒަރު ވެސް އެ ކުއްޖާ އަށް ބަލަން މަޖުބޫރުކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނުގެ މައްޗަށް މިހާރު ކުރިއަށް ގެންދާ ޝަރީއަތަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރިޔަ ނުދިނުމަށް "ބަޣާވާތް"ކުރި މީހުން މަސައްކަތް ކުރާނެ ކަމަށާއި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެތީ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ. "ޖަލަށް ދާން ޖެހިދާނެތީ ބިރެއް ނުގަނޭ. ވަރަށް ގިނަ ފަހަރު އަޅުގަނޑު ޖަލުގައި ހޭދަކުރިން. އަށާރަ މަސް ދުވަސް އަޅުގަނޑު ޖަލުގެ ގޮޅިތަކުގެ ތެރޭގައި ހޭދަކުރިން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ އުސޫލްތަކަށްޓަކައި ޖަލަށް ދާން ވެސް ތައްޔާރު." އެހެން ނަމަވެސް އިންތިހާބެއް ބާއްވަން ޖެހޭނީ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާ އެކު ވާދަކުރުމުގެ ފުރުސަތު ދީގެން ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އިންޑިއާ އިން އެކަމަށް ވަކާލާތުކުރަނީ އެކަން އެނގިތިބެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނާޅާފައި ތިބި ބަޔަކު ތިބި ކަމަށް ސިފަކުރައްވައި ވިދާޅުވީ މިހާރުގެ ސަރުކާރުން އެ މީހުން ޖާގަ ހޯދައި އެ މީހުންގެ އުސޫލްތައް ކުރިއަށް ނެރެމުން އަންނަ ކަމަށެވެ. އެ މީހުންނަކީ މަޖިލީހުގެ އިންތިހާބެއްގައި ވެސް ކާމިޔާބެއް ލިބުނު ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދުގެ ތަގުރީރުގައި، ވެރިކަން ބަދަލުވިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ދުވަހު އެމަނިކުފާނަށް ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ. އަދި "ބަޣާވާތަކުން" ވެރިކަން ބަދަލުވުމަށް ފަހު ގިނައިރުތަކެއް ނުވަނީސް ސަލާމަތީބާރުތަކުން ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ޑިމޮކްރެޓިކް ގައުމެއްގެ އަސާސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުޅުވާލައި ޕެންޝަނާއި ސިއްހީ ފަރުވާ އާއި ދަތުރުފަތުރުގެ ނިޒާމް ގާއިމްކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވޭ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް ޑެންމާކުގެ ޕާލިމެންޓް ބޭފުޅުންގެ އަރިހުގައި ނަޝީދު އެދިވަޑައިގެންނެވި އެވެ. އަދި އިންތިހާބު ކުރިއަށް ދަނީ މިނިވަން އިންސާފުވެރިކަމާ އެކުގައިކަން ކަށަވަރުކޮށްދެއްވުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ޑިމޮކްރެޓިކް މުޖުތަމައެއްގައި ދިރިއުޅުމުގެ ހައްގު ދިވެހންނަށް ވެސް އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި އެ ހަމަތަކާއި އަސާސްތައް ނެގެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ޕާލަމެންޓުގައި ތަގުރީރުކުރެއްވުމުގެ އިތުރުން އެމަނިކުފާނު ވަނީ ކޯޕަންހޭގަން ޔުވަސިޓީގައި ވެސް ތަގުރީރުކުރައްވައިފަ އެވެ. އެ ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ސިޔާސީ މާހައުލު ބައްޓަންވެފައި އޮތީ ތެލާއި ހަކަތައިގެ ސިޔާސަތުގެ މައްޗަށް ކަމަށެވެ. ކާބަން ނިއުޓްރަލް ކުރުމަކީ އުނަދަގޫކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެ މިސްރާބަށް ދިއުމަށްޓަކައި ހުރަސްތަކެއް މެދުވެރިވެފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ތެލަށް ބަރޯސާނުވެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބެންވާ އެހީތެރިކަން ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ