ވޯޓަކާ ނުލައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަމަށް އަބްދުއްރަހީމް އަބްދުﷲ

ހުސްވެފައިވާ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިންތިޚާބުކޮށްފި އެވެ.
އޭނާ މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މަޤާމުން ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ. އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަމަށް އިންތިޚާބުކޮށްފައިވަނީ، އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް އޭނާ ފިޔަވައި އެއްވެސް ބޭފުޅަކު އެ މަޤާމަށް ކުރިމަތިލައްވާފައި ނުވާތީ ވޯޓަކަށް ނުގޮސްކަމަށް ޕީޕީއެމްއިން ބުންޏެވެ.
އަދި އެގޮތަށް ނިންމާފައިވަނީ، ޕީޕީއެމްގެ އަސާސީ ޤަވައިދުގައިވާ ގޮތުގެ މަތިން އިންތިޚާބުކުރަން ޖެހޭ މަޤާމަކަށް އެއް ބޭފުޅަކު ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާނަމަ ވޯޓަކަށް ނުގޮސް މަޤާމަށް ކުރިމަތިލާފައިވާ ބޭފުޅަކު އިންތިޚާބުވާނެކަމަށް ކަނޑައަޅާފައިވާތީކަމަށް ވެސް އެ ޕާޓީން ހާމަކުރެ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމު ހުސްވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަށް ފަހު އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވެ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އަދި ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އާއްމު ޖަލްސާއެއް ބާއްވާ ވާހަކަފުޅު ދެއްކުވުމާއި ގުޅިގެން އުމަރާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެންނެވެ.
ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި އިލްހާމު އަހުމަދުގެ އިތުރުން ސެކްރެޓަރީ ޖެނެރަލްކަމުގައި ހުންނެވި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވެސް ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ