ޕާޓީއަކާ ނުގުޅި ސިޔާސީ ދާއިރާއިން ކުރިއަށް ދެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން: މެމްބަރު ނަޝީދު
ރައްޔިތުންގެ މަޖިލީހުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރެއްވި ތަޖުރިބާ އަށް ބަލާއިރު، ޕާޓީއަކާ ނުގުޅި ސިޔާސީ ދާއިރާ އިން ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ ބައެއް މަގުތަކަކީ އެކަނި ހިނގަން ހުންނަ މަގުތަކެއް ނޫން ކަމަށާއި ޖަމާއަތަކާ އެކުގައި ހިނގަން ހުންނަ މަގުތަކެއް ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކުރިމަތިވެވަޑައިގަތް ގޮންޖެހުންތަކުން އެކަން ވަރަށް ބޮޑަށް ސާފުވެވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ވޭތުވެދިޔަ ފަސް އަހަރުގެ ތަޖުރިބާގައި ޓެސްޓްކޮށްފިން ކިހާވަރަކަށްތޯ [އެކަނި] ހިނގޭނީ. ބައެއް ކަހަލަ ކަންތައްތަކަކީ އެކަނި ހުރެގެން ކުރެވޭނެ ކަންތައްތަކެއް ނޫން. ރައްޔިތުންގެ ވިސްނުން ވެސް މިހާރު އެނބުރެމުން އެބަދޭ ޕާޓީތަކާ ދިމާލަށް،" ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަވަމުން އަންނަނީ ޕާޓީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެފަދަ ދަނޑިވަޅެއްގައި ޕާޓީއަކާ ގުޅުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، އެންމެ ބޮޑަށް ފެނުނު ހަގީގަތަކީ މިނިވަން މެމްބަރުންނަކީ ސަރުކާރަށް އެހީތެރިވެދޭނެ މެމްބަރުންގެ ގޮތުގައި ސަރުކާރުން ނުދެކުމެވެ. އަދި މިނިވަން މެމްބަރުންނަކީ ސަރުކާރު މެމްބަރުން ނޫން ކަމަށް އިދިކޮޅު ޕާޓީތަކުން ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވީމަ ވަރަށް ދެފެން ދޭތެރޭގައި ކަހަލަ ހައިސިއްޔަތެއްގައި ފަސް އަހަރު ހޭދަކުރަން މި ޖެހުނީ، އަމިއްލަ ތަޖުރިބާގައި އަޅުގަނޑު މިދަންނަވަނީ. އެ ހުށަހެޅޭ މައްސަލައިގެ ބާވަތުން އެކި ފަހަރު، ޑިސިޝަން ނަގާއިރު، އެއް ފަހަރު ސަރުކާރާ އެއްކޮޅަށް ބައެއް ފަހަރު އިދިކޮޅު ފަރާތްތަކާ އެއްކޮޅަށް ވެސް ވޯޓު ދެވިފައި ހުންނާނެ. އެކަހަލަ ހާލަތްތަކުގައި ވަރަށް ނުރަނގަޅު ނަތީޖާތައް ދިމާވޭ. ހިތްނުތަނަވަސްކަން އާދޭ،" ނަޝީދު ވިދާޅުވި އެވެ. ޕާޓީއަކާ ގުޅެން ވިސްނިއިރު، ނަޝީދު ވިދާޅުވި ގޮތުގައި، ޕީޕީއެމުން ގެންގުޅެނީ އޭނާ ތާއީދުކުރާ ފިކުރުތަކާއި ސިޔާސަތުތަކެވެ. އަދި އެ ޕާޓީގައި ތިބީ ކުރިން ވެސް އޭނާ އެކުގައި މަސައްކަތް ކުރެއްވި ގާތް ރަހުމަތްތެރިން ކަމަށްވާތީ، އެ މީހުންނާ އެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ޕީޕީއެމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތަކާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު މިހާރު އިސްކަންދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕާޓީގެ ޓިކެޓް ދޭން އޮންނަ އުސޫލުން ޓިކެޓް ހޯދައިގެން ކުރިމަތިލުމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް ޓިކެޓުގައި އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ ދެމިހުންނަވާނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕަށް ބޭނުންވާ ގާނޫނީ ކަންކަމުގައި އެހީތެރިވެދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ