ޖޭއެސްސީގެ ކުރީގެ މެމްބަރު ލަތީފާއާ އެކު ހަތަރު ބޭފުޅަކު ޖޭއެސްސީއަށް ކުރިމަތިލައިފި

ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިޚާބުގައި ވާދަކުރަން، އެ ކޮމިޝަންގެ ކުރީގެ މެމްބަރު ލަތީފާ ގާސިމާ އެކު އިތުރު ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ އިންތިޚާބުގައި ވާދަކުރަން ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ލަތީފާގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި އަނަސް އަބްދުއްސައްތާރާއި މުހައްމަދު ފަރީދުގެ އިތުރުން މުހައްމަދު ފައިސަލް އެވެ. އެ ފަސް ބޭފުޅުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތު ނެގުން މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޖޭއެސްސީގައި ލަތީފާ ކުރިން ހުންނެވީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ މަހެއް ނުވަނީސް އެ މަގާމުން ލަތީފާ ވަކިކޮށް އެހެން ބޭފުޅަކު ވަނީ އެ މަގާމަށް ހަމަޖައްސަވައިފަ އެވެ. ލަތީފާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ބަދު އަޚުލާގީ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީގައި ވެސް ހިމެނުނު މެމްބަރެކެވެ. އޭނާ ޖޭއެސްސީގައި ހުންނެވިއިރު އެކުލަވާލި އެ ކޮމެޓީގައި އަލީ ހަމީދު ސަސްޕެންޑްކުރަން ފެންނަ ކަމަށް ވޯޓު ދެއްވި ނަމަވެސް ކޮމިޝަންގައި އޭނާ ވަނީ އެއާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. ވަކީލުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ހުންނަވާ އަހުމަދު ރަޝީދުގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ