ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތައް މައުމޫން ދޮގު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވުމަށްފަހު، އެމަނިކުފާނުގެ ސަރުކާރު ބަދަލުކުރީ ކުރީގެ ރައީސް މައުމޫން އަޑީގައި ހުންނަވައިގެން ކަމަށް ވިދާޅުވެ ބޭރުގެ މީޑިއާތަކުގައި ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް، ކަނޑައެޅިގެން ހަގީގަތާއި ޚިލާފް ދޮގު ވާހަކަތަކެއް ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
އެމެރިކާ އަށް މިހާރު ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އެކި މީޑިއާތަކުގެ އިތުރުން އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންގެ އަރިހުގައި އެމަނިކުފާނު ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ގެނެވުނީ އިންޤިލާބެކޭ ބުނެވޭނޭ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
”މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތެއްގެ ސަބަބުން ކަމަށާއި ނުވަތަ އެއީ އިންޤިލާބަކުން ވީކަމެއްކަމަށް، އަދި އެކަމަކީ އަޅުގަނޑު އަޑީގައި ހުރެގެން ހިންގާފައިވާ ކަމެއްކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު އެވިދާޅުވާ ވާހަކަތަކަކީ އޭގެ އަޞްލުން އަޞްލަށް ދޮގު ވާހަކަތަކެއް ކަމުގައި ނުހަނު ސާބިތު ކަމާއެކު އަޅުގަނޑު ދަންނަވަމެވެ.” މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ގާނޫނު އަސާސީ އާއި އިސްލާމްދީނާ ދުރަށް ދިވެހިން ގެންދިއުމަށްޓަކައި ކުރަމުން ގެންދިޔަ މަސައްކަތާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ދިޔަ އެތައް ހާސް ދިވެހި ރައްޔިތުންގެ އަޑުތަކުގައި މައުމޫންގެ ޕީޕީއެމްގެ އަޑު ވެސް އެކުލެވިފައިވާނެ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމާއަތްތަކުން ކުރަމުން ގެންދިޔަ މުޒާހަރާތަކުގައި ޕީޕީއެމް ވެސް ބައިވެރިވެފައިވާނެ ކަމަށެވެ.
ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ގޮތަކަށް ނަޝީދު ވަކި ކުރެއްވުމަށްޓަކައި އެއްވެސް ބާވަތެއްގެ ހަރަކާތެއް ހިންގަވައި އަދި އަމަލު ކުރައްވާފައި ވެސް ނުވާނެ ކަމަށެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި އޭރު ހުންނެވި މުޙަންމަދު ނަޝީދު އެ މަޤާމުން އިސްތިޢުފާ ދެއްވީ ހެޔޮޙާލުކޮޅުގައި ހުންނަވައިގެން އޭނާ އަމިއްލަފުޅަށް ކަމަށާއި، އިސްތިޢުފާ ދެއްވައިފިކަމުގެ ސިޓީ ނަޝީދު ލިޔުއްވީ އޭނާގެ އަމިއްލަ އަތްޕުޅުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މިއީ މިހާރުވެސް ބަލަން ބޭނުން ކޮންމެ މީހަކަށްވެސް ފެންނާނެހެން ޑޮކިއުމެންޓް ކުރެވިފައިހުރި ޙަޤީޤަތް ކަމަށާއި، ނަޝީދު އިސްތިޢުފާ ދެއްވުމާ ގުޅިގެން އޭރު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުގައި ހުންނެވި ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންފައި ވަނީވެސް ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށް މައުމޫން ވިދާޅުވިއެވެ.
ގެއިތުރުން ވޭތުވެދިޔަ ދުވަސްތަކުގައި ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުން މައުމޫނަށާއި، މައުމޫންގެ އާއިލާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އެކިއެކި ދުއްތުރާތައް ކުރަމުން ގެންދެވި އިރުވެސް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް އެއްވެސް ޢަމަލެއް ހިންގަވާފައި ނުވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ