ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހަޅާ މައްސަލަތައް ބަލައިގަންނަން ސުޕްރީމް ކޯޓުން މިއަދު ކްރިމިނަލް ކޯޓަށް ދެވަނަ ފަހަރަށް އަމުރުކޮށްފި އެވެ.
އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައި މިހާރު ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޒަރޫރީ ހުރިހާ މައްސަލަތަކެއް ވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައި މިވަނީ މިދިޔަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެއްގޮތަށް ކްރިމިނަލް ކޯޓުން ޕީޖީ އޮފީހުގެ މައްސަލަތައް ބަލައިގަންނަމުން ނުދާތީ އެވެ.
ސުޕްރީމް ކޯޓުން ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ގާނޫނުއަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ހިނގުމަށް ހުރަސްތަކެއް ކުރިމަތިވިޔަނުދީ ކުރިއަށް ގެންދިއުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ދެމުންގެންދާ ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޒަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މިއަމުރުގައި ބުނެފައިވަނީ "ގަވާއިދާ އެއްގޮތަށް" ޕީޖީން ހުށަހަޅާ މައްސަލަތައް ބަލައިގަތުމަށެވެ.
ޕީޖީ އޮފީހުން ކްރިމިނިލް ކޯޓަށް ފޮނުވާ މައްސަލަތައް ބަލައިގަތުން މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ކޯޓުން މެދުކަނޑާލީ ޕީޖީގެ ގާނޫނުގައި ޕީޖީގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންޖެހޭނެ ކަމަށް ބުނެފައިވާތީ އެމުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައި ނުވާ ކަމަށް ބުނެ އެވެ.
ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަންނާތީ އެކަމާއި ގުޅިގެން އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. އަދި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވަންޖެހޭ 533 މައްސަލަ ޕީޖީ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ބޭއްވިފައި އެބައޮތް ކަމަށެވ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަންނަ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ވަނީ ވީނިއުސްއަށް ލިބޭ ގޮތް ނުވެފަ އެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލަނުގަންނަނީ ހަމައެކަނި ކްރިމިނަލް ކޯޓުންނެވެ.
ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އަނެއްކާވެސް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ