ކޯލިޝަނުން ވާދަ ނުކުރާ ދާއިރާތަކުގައި ތާއީދު ކުރާނީ އަދާލަތުގެ ކެންޑިޑޭޓުންނަށް: މައުމޫން

އަދާލަތު ޕާޓީއަކީ ޕީޕީއެމާއެކު ރަސްމީކޮށް ކޯލިޝަން ހަދާފައި ނުވާ ޕާޓީއެއް ނަމަވެސް ޕީޕީއެމް ޖޭޕީ އަދި އެމްޑީއޭއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިމަތި ނުލާ ދާއިރާތަކަށް އަދާލަތުން ކުރިމަތިލާފައިވާ ފަރާތްތަކަށް ޕްރޮގްރެސިވް ކޯލިޝަނުން ތާއީދު ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ވެސް ރައީސް، މިހެން ވިދާޅުވި ކޯލިޝަންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނާ ބައްދަލުކޮށްލެއްވުމަށް ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަދާލަތަކީ އަޅުގަނޑުމެންނާ ރަސްމީކޮށް ކޯލިޝަން ހަދާފައި ނެތް ނަމަވެސް ވަރަށް ގާތް ބައެއް ވަރަށް މުހިންމު ބައެއް، ޕީޕީއެމް، ޖޭޕީ، އެމްޑީއޭން ކުރިމަތި ނުލާ ދާއިރާތަކަށް އަދާލަތުން ނެރެފައިވާ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ކޯލިޝަނުން ވާނީ ނިންމާފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ސިޓީ ކައުންސިލަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންނާ މުހާތަބު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ މިހާރު އޮތް މާލޭ ސިޓީ ކައުންސިލްގެ ތެރެއިން ވެސް ފެންނަ މަންޒަރަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ޒިންމާ އަދާ ނުކުރެވޭ މަންޒަރު ކަމަށާއި އެގޮތަށް ރައްޔިތުންގެ ހައްގުތައް ހޯދައި ނުދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނަށް ސިޓީ ކައުންސިލް ކާމިޔާބު ކުރެވިއްޖެނަމަ ފެނިގެންދާނީ ރީތިކޮށް ހިނގާ ސިޓީ ކައުންސިލެއް ކަމަށާއި އެއްވެސް ބަޔަކާ ޖައްސައި ނުލާނެ ކަމަށެވެ.
ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯތައް ތަންފީޒު ކުރުމަށް ވަރަށް މުހިންމު ބައެއް ކަމަށާއި ކުރިއަށް އޮތް މަޖިލީސް އިންތިޚާބު ވެސް ކޯލިޝަނުން ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކޯލިޝަންގެ އަމާޒަކީ ވީހާވެސް ގިނަ ގޮނޑިތަށް ކާމިޔާބު ކުރުން ކަމަށާއި ގޮނޑިތައް ކާމިޔާބު ވުމުން ކޮށްދެވޭނެ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ.
"ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގަ އާއި އެހެނިހެން ކަންކަމުގައި މަޖިލީހަކީ ވަރަށް ބަރުގަދަ ބައެއް، މަޖިލިސް ތެރޭގަ ވަރަށް ދެރަކޮށް ކަންތައްވާތަން ބައެއް ފަހަރަށް ފެންނަނީ. ގިނަ ސިޔާސީ ޕާޓީތަކެއް އޮންނަންޏާ ހިޔާލު ވެސް ތަފާތުވާނެ، [އެކަމަކު] ދިމާކޮށް ހަމަލަ ދީގެން ނުވާނެ، ކަންކަން ކުރަން ވާނީ ގަވާއިދުގެ ތެރެއިން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި މިރޭ އޮތް ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ވާހަކަފުޅު ދެއްކެވިއެވެ. ހުސައިން ވިދާޅުވީ ސަރުކާރު ކާމިޔާބު ކުރުމަށް ކައުންސިލްތައް ވަރަށް މުހިންމު ކަމަށެވެ. އަދި ކައުންސިލް ލެވެލްގައި އެއްބާރުލުން ނުލިބޭނަމަ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ