ރޭޕްގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ފުލުހަކަށް ވަޒީފާދޭން ހައި ކޯޓުން ވެސް ހުކުމް ކޮށްފި
ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން މީހަކަށް އަލުން ވަޒީފާދޭން ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުންވެސް ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ. ހައި ކޯޓުން ތާއީދުކޮށް، ހުކުމް ކޮށްފައި ވަނީ ހއ.ކެލާ ފިނިވާގެ އަލީ ނަޝީދަށް ވަޒީފާދޭން ދަށު ކޯޓުން ކުރި ހުކުމަށެވެ. ނަޝީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހު އެއް ރޭ ދަންވަރު ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. އެ ތުހުމަތުގައި ނަޝީދު ވަޒީފާއިން ވަކިކުރުމުން އެ ވަޒީފާ އަނބުރާ ހޯދަން ނަޝީދު ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމްކުރީ އޭނާ ކުރިން ހުރި ވަޒީފާ އަލުން އަނބުރާ ދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި އިއްވި ހުކުމުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކިތަންމެ ނުރައްކާތެރި ކުށެއް ނަމަވެސް އެ ތުހުމަތުގެ މައްޗަށް ބިނާކޮށް އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭނީ އެ ތުހުމަތަކީ ހަމައެކަނި ހީކުރެވޭ ހީކުރެވުމަށް ނުވެ ކަމަށެވެ. އަދި އެކުށާއި އޭނާއާ ގުޅުވައިދޭނެ ހެކިތަކެއް ހުންނަންޖެހޭނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ. ނަމަވެސް ނަޝީދު ގާނޫނާއި ގަވާއިދާއި ހިލާފް އަމަލެއް ކޮށްފައިވާކަން ފުލުހުންގެ ތަހުގީގަކުން ސާބިތުވެފައިވާކަން ދައުލަތަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. ނަޝީދަށް ވަޒީފާދޭން ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައި ވަނީ ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރޭޕްގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި ފުލުހުންގެ ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޝީފް ތޯހާއަށް ވެސް އޭނާގެ ވަޒީފާ ދޭން ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ